Last Updated: January 10, 21:38
Friday, January 10, 2025
ދުނިޔެ

ޓިކްޓޮކް ވިއްކައެއް ނުލާނަން: ބައިޓްޑާންސް

އެމެރިކާގައި ޓިކްޓޮކް ހިންގޭނީ އެ ގައުމުގެ ކުންފުންޏަކަށް ވިއްކާލައިގެން ކަމަށް ގާނޫނަކުން ލާޒިމުކުރުމާ ގުޅިގެން އެ އެޕް ހިންގާ ޗައިނާގެ ބައިޓްޑާންސުން ރައްދު ދީފި އެވެ.

އެ ކުންފުނިން ބުނީ ޓިކްޓޮކް ވިއްކައި ނުލާނެ ކަމަށެވެ.

މިކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ކުންފުންޏަކަށް ޓިކްޓިކް ވިއްކައިލުމާ ގުޅޭ ގޮތުން ކުންފުނިން މިހާރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އެމެރިކާގެ ފިއްތުންތަކާ ހެދި ޓިކްޓިކް ވިއްކައިނުލާނެކަން ބައިޓްޑާންސުން ހާމަކުރި ނަމަވެސް، ދެން އެމެރިކާގައި އެ އެޕް އޮޕަރޭޓްކުރާނެ ވަކި ގޮތެއް ހާމަކޮށްފައެެއް ނުވެ އެވެ.

"ބުނެލަން އޮތް ވާހަކަ އަކީ ޓިކްޓޮކް ވިއްކާލުމުގެ އެއްވެސް ޕްލޭނެއް އަހަރެމެންގެ ނެތޭ." ބައިޓްޑާންސުން ބުންޏެވެ.

ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމައި، އެމެރިކާގައި ޓިކްޓޮލް މަނާކުރަން ކޮންގްރެސް އަށް މިދިޔަ އަހަރު ރިޕަބްލިކަން ޕާޓީގެ މެންބަރުންތަކެއް އިސްކޮށް ތިއްބަވައިގެން ހުށަހެޅުއްވި ބިލް ފާސްކުރީ މި މަހުގެ 21 ގަ އެވެ. އަދި އެ ބިލް ރައީސް ޖޯ ބައިޑެން ތަސްދީގު ކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެެ.

އެކަމާ ގުޅިގެން އެ ދުވަހު ބައިޓްޑާންސުން ބުނެފައި ވަނީ އެ މައްސަލައިގައި ކޯޓަށް ދާނެ ކަމަށެވެ.

ޓިކްޓޮކާ ދެކޮޅު ގާނޫނުގައިވާ ގޮތުން އެމެރިކާގެ ކުންފުންޏަކަށް ޓިކްޓޮކް ވިއްކާލައިގެން ނޫން ގޮތަކަށް އެ ގައުމުގައި ޓިކްޓިކް ހިންގަން ފުރުސަތު ދީގެން ނުވާނެ އެވެ. އަދި އެކަން ކުރަން ނުވަ މަސް ދުވަހުގެ މުހުތަލެއް ދޭން ދޭނެ ކަމަށް ބުނެފައިވެ އެވެ.
އެ މުއްދަތުގެ ތެރޭގައި ޓިކްޓޮކް ހިންގާ ޗައިނާގެ ބައިޓްޑާންސުން އަމަލުނުކޮށްފި ނަމަ އެމެރިކާގެ ކުންފުނިތައް ކަމަށްވާ ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން، އެމެރިކާގައި ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭ ގޮތަށް ހަދަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.

އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޓިކްޓޮކް އެމެރިކާގައި ބޭނުންކުރާ މީހުންގެ އަދަދު 170 މިލިއަނަށް ވުރެ ގިނަ އެވެ.

އެމެރިކާ އިން ޓިކްޓޮކް މަނާކުރަން މަސައްކަތް ކުރަމުން ދަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހު އަހަރު ފެށިގެންނެވެ. އެގޮތުން 2020 ގެ ތެރޭގައި ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކައިލަން ޕްރެޝަރުތަކެއް ކުރުމާ ގުޅިގެން އެފަދަ މުއާމަލާތްތަކެއް ބައިޓްޑާންސަށް ހިންގަން މަޖުބޫރު ވެސް ވި އެވެ.

އެމެރިކާ އިން އަބަދު ވެސް ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ސަރުކާރަށް ވާގިދޭ އަދި އެ ގައުމުގެ އަސްކަރިއްޔާ އަށް ޖާސޫސްކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. އެގޮތުން އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ރިބަޕްލިކަން ޕާޓީ އަށް ނިސްބަތްވާ ކޮންގްރެސްގެ މެމްބަރުން ތުހުމަތުރައްވަ އެވެ.

އެހެންވެ އެމެރިކާ ސިފަކުރާ ގޮތުގައި ޓިކްޓޮކަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެވެ. ނަމަވެސް މި ތުހުމަތުތައް ޗައިނާ އިން ދޮގުކުރެ އެވެ.