Last Updated: November 30, 09:38
Saturday, November 30, 2024
މުނިފޫހިފިލުވުން

އަލީ އާއި ޖޭސްމިން ކައިވެންޏަށް ތައްޔާރު ވަނީ

އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަލީ ގޯނީ އާއި ޖޭސްމީން ބަސީން ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެ ދެ މީހުން މިކަން ވަރަށް އަވަހަށް އިއުލާން ވެސް ކުރާނެ ކަމަށެވެ. އަލީ އާއި ޖޭސްމިން ރައްޓެހިވެގެން އުޅޭތާ މިހާރު ހައެއްކަ އަހަރު ވެދާނެ އެވެ. ދެ ތަރިން އެކީގައި ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގައި ވެސް ވާދަކޮށްފައިވާ އިރު، އެކީގައި ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައި އެވެ.

ކަޝްމީރަށް އުފަން އަލީ އަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒާން ޚާން މިހާރު ރައްޓެހިވެގެން އުޅޭ އަރްސަލާން ގޯނީގެ އާއިލީ މެންބަރެކެވެ.

މިދިޔަ ރޯދަ މަހުގެ ތެރޭގައި އުމްރާގެ އަޅުކަން ވެސް އަދާކުރި އަލީ، 33، ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޔޭ ހޭ މުހައްބަތޭ"، "ޔެ ކަހާ އާ ގައޭ ހަމް"، "ބަހޫ ހަމާރީ ރަޖްނީ ކަންތު" އަދި "ނާގިން 3" ހިމެނެ އެވެ.

މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް ޕްރޮޑިއުސްކުރާ ފިލްމަކުން މިދިޔަ އަހަރު ފުރުސަތު ލިބުނު ޖޭސްމިން އަކީ ސިލްސިލާތަކުގެ އިތުރުން އިންޑިއާގެ ރީޖަނަލް ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ. ރާޖަސްތާނަށް އުފަން 33 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ ޕަންޖާބީ ކޮމެޑީ "ހަނީމޫން" އެވެ.