ކީރިތި ޤުރުއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އެއީ ﷲ ގެ އެންމެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އަށް ބާއްވައިލެއްވި އެއިލާހުގެ އެންމެ ފަހުގެ ފޮތެވެ. އެއީ ޤިޔާމަތާއި ހަމައަށް ބަދަލެއް ނުގެނެވި ދެމިއޮންނާނެ ﷲ ތަޢާލާގެ މުޢުޖިޒާތެކެވެ.
ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރެވެ. އެއީ ދެދުނިޔޭގެ ފަލާޙާއި ކާމިޔާބުގެ އަސާސެވެ. އެއީ ޙައްޤާއި ބާތިލު ވަކިކޮށްދޭ ފުރުޤާނެވެ. އެއީ ދާރުއް ސަލާމުގެ މަގަށް (އެބަހީ ސުވަރުގޭގެ މަގަށް) އަލިކޮށްދޭ ވޮށެކެވެ. އެއީ ޙަލާލާއި ޙަރާމު ބަޔާންކޮށްދޭ ފޮތެކެވެ. އެއީ ހިދާޔަތުގެ ސީދާމަގު ބަޔާންކޮށްދޭ ފޮތެކެވެ. އެއީ އިހުގެ ޚަބަރުތަކާއި އަދުގެ ޚަބަރުތަކާއި މާދަމާގެ ޚަބަރުތައް ބަޔާންކޮށްދޭ ފޮތެކެވެ.
ކީިރިތި ޤުރުއާނަކީ ނޫރެކެވެ. ޝިފާއެކެވެ. ރަޙްމަތެކެވެ. ވަޢުޡެކެވެ. ބިޝާރަތެކެވެ. ނިޛާރަތެކެވެ. އެއީ ފަރުބަދައެއްގެ މައްޗަށް އެފޮތް ބާވައިލެއްވިނަމަ، އެފަރުބަދައެއް اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ދާނެ ފަދަ ބާރުގަދަ ފޮތެކެވެ. ކީރިތި ޤުރުއާނަކީ އަޘަރުގަދަ ފޮތެކެވެ.
އައްތުފައިލު ބިން ޢަމްރުގެފާނު މައްކާއަށް ވަޑައިގެންނެވުމުން މައްކާގެ މުޝްރިކުން އެކަލޭގެފާނުގެ ހިތުގައި މުޙައްމަދުގެފާނުގެ މައްޗަށް ނަފްރަތާއި ބިރުވެރިކަމާއި ރުޅިވެރިކަން ވެއްދިއެވެ. އެކަލޭގެފާނު ދައްކަވާ ވާހަކަތަކަކީ ސިޙުރެއް ކަމުގައިއާއި، އެވާހަކަތައް އަޑުއެހުމުގެ ނުރައްކާތެރިކަން ބަޔާންކުރިއެވެ. މިކަމުގެ ބިރަށް ތުފައިލުގެފާނު އުޅުއްވީ ކަންފަތަށް ކަފަޖައްސަވައިގެންނެވެ. އެއީ ޤަސްތަކާއި ނުލައިވެސް މުޙައްމަދުގެފާނުގެ ބަސްފުޅެއް އަޑުއިވި ސިޙުރުގައި ޖެހިދާނެ ކަމަށްޓަކައެވެ. މިގޮތަށް ދުވަސްތަކެއް ވޭތުވުމަށްފަހު އެކަލޭގެފާނު ހިތަށް އެރިއެވެ.
އެކަލޭގެފާނަކީވެސް ހެޔޮ ނުބައި ވިސްނޭ ބުއްދި ސަލާމަތުން ހުރި، ޢަރަބި ބަހުގެ ޝާޢިރެކެވެ. މުޙައްމަދުގެފާނު ދައްކަވާ ވާހަކަތައް އެކަލޭގެފާނު އަމިއްލައަށް އަޑުއަހައި ނިޔާ ކަނޑައަޅާނީއެވެ. މިގޮތަށް ހިތަށް އަރާވަޑައިގަތުމުން ނަބިއްޔާއާއި ބައްދަލުކުރައްވާ އިސްލާމްދީނުގެ ވާހަކަތައް ކިޔައިދެއްވުމަށް އެދުނެވެ. އެހިނދު ނަބިއްޔާ ﷺ އިސްލާމްދީން އެކަލޭގެފާނަށް ހުށައަޅުއްވާ، ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވިއެވެ. ތުފައިލްގެފާނަށް އަޑުއިވުނު ވާހަކަތަކުގެ ފުރިހަމަކަމުން އެއީ ޙައްޤު ވާހަކަތަކެއް ކަމާއި، ސިޙުރެއް ނޫންކަން ޔަޤީންވުމުން ވަގުތުން އެކަލޭގެފާނު އިސްލާމްދީން
ޤަބޫލުކުރެއްވިއެވެ. މިއީ ކީރިތި ޤުރުއާނުގެ އަޘަރުގެ ބާރުގަދަކަން އަންގައިދޭ ޙާދީޘާއެކެވެ.
އެއްފަހަރެއްގައި ނަބިއްޔާ ސޫރަތުއް ނަޖްމު ކިޔަވާ ވިދާޅުވުމަށްފަހު ސަޖިދަކުރެއްވިއެވެ. އެވަގުތު އެޤުރުއާނުގެ އަޑު އަހަންތިބި މައްކާގެ މުޝްރިކުންވެސް އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލި ސަޖިދަކުރިއެވެ. މިއީވެސް ކީރިތި ޤުރުއާނުގެ އަޘަރުގަދަކަން އަންގައިދޭ ޙާދިޘާއެކެވެ.
މައްކާގެ މުޝްރިކުންގެ ފަރާތުން މަންދޫބެއްގެ ގޮތުގައި އެބައިމީހުންގެ ތެރެއިން އަދަބިއްޔާތާއި ކަހީނުކަމުގައި އެންމެ އަރާހުރި ޢުތުބާ ބުން ރަބީޢާ، ނަބިއްޔާ ﷺ ގެ އަރިހަށް އެބައިމީހުންގެ ހުށައެޅުންތަކާއިގެން ފޮނުވިއެވެ. އޭނާގެ ވާހަކަތައް ނަބިއްޔާ ﷺ އަޑުއެއްސެވުމަށްފަހު، އެކަލޭގެފާނު ސޫރަތުލް ފުއްސިލަތުގެ ކުރީކޮޅުގެ އާޔަތްތަކެއް ކިޔަވާ ވިދާޅުވިއެވެ. ޢުތުބާ އެނބުރި އަންނަ މަންޒަރު ފެނުމުން މައްކާގެ މުޝްރިކުން ބުންޏެވެ. މީނާ އެނބުރި މިއަންނަނީ އެހެން މޫނަކާއިގެންނެވެ. މިއީވެސް ކީރިތި ޤުރުއާނުން މުޝްރިކަކަށް ކުރި އަޘަރު ބަޔާންކޮށްދޭ ޙާދިޘާއެކެވެ.
ކީރިތި ޤުރުއާނަކީ ޢަޖާއިބުތަކުން ފުރިގެންވާ ފޮތެކެވެ. ޤުރުއާނުގެ އަޑުއެހި ޖިންނީންވެސް ވަނީ އެބައިމީހުން ޢަޖާއިބުވާފަދަ ޤުރުއާނެއްގެ އަޑު އަހައިފީމޭ ބުނެފައެވެ. ކީރިތި ޤުރުއާނުގެ ސަބަބުން އެތައް ބަޔަކަށް ޙައްޤު އެނގިފައިވެއެވެ. އެތައް ފާފަވެރި ޣާފިލުންނަށް ހިދާޔަތް ލިބިފައިވެއެވެ. ފުޟައިލް ބުން ޢިޔާޟުގެފާނަކީ ތައުބާވެ އިސްލާހުވުމުގެ ކުރީގައި ނުބައިކޮށް އުޅުނު މީހެކެވެ. އެއްރޭ ވައްކަންކުރަން ދަންވަރު ވަންގެއެއްގެ މީހަކު ދަމުނަމާދުގައި ކިޔަވަން ހުރި އާޔަތެއް އެކަލޭގެފާނަށް އަޑުއިވުނެވެ.
އެއީ އަންނަނިވި އާޔަތެވެ: {أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ وَكَثِيرٌ مِنْهُمْ فَاسِقُونَ} [الحديد:16]
މާނައީ: "اللَّه ހަނދުމަކުރުމަށާއި، ޙައްޤު ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، އީމާންވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ ފާސިޤުންނެވެ." މިއާޔަތް އަޑުއިވުމުން އެވަގުތު ފުޟައިލްގެފާނަށް ކުރި އަޘަރެއްގެ ބޮޑުކަމުން ވަގުތު ޖެހިޖެއޭ، ވަގުތު ޖެހިއްޖެއޭ ބުނެ އިސްލާޙުވެ ތައުބާވުމަށް ޢަޒުމް ކަނޑައެޅިއެވެ.
މިބަރަކާތްތެރި ފޮތަށްޓަކައި ﷲ ތަޢާލާ ޚިޔާރުކުރެއްވީ އުންމަތްތަކުގެ ތެރެއިން އެންމެ ހެޔޮ އުންމަތެވެ. ޒަމާންތަކުގެ ތެރެއިން އެންމެ ރަނގަޅު ޒަމާނެވެ. މިބަރަކާތްތެރި ފޮތް ބާއްވައިލެއްވުނީ ރަސޫލުންނާއި ނަބިއްޔުންގެ ތެރެއިން އެންމެ ޠޯހިރު ހިތުގެ މާތް ނަބިއްޔާގެ މައްޗަށެވެ. މިބަރަކާތްތެރި ފޮތުގެ ރަސޫލާގެ ވަޒީރުންނަށް ވުމަށްޓަކައި ﷲ ތަޢާލާ ޙިޔާރުކުރެއްވީ އެންމެ ޠޯހިރު ހިތުގެ މާތް ޞަޙާބީންގެ ޖީލެވެ. އެއީ މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ ނަމޫނާ ޖީލެވެ. އެބޭކަލުންގެ ހިތުގެ ތޯހިރުކަމާއި ސާފުކަމުން، ކީރިތި ޤުރުއާން އެބޭކަލުންގެ ހިތްތަކަށް ވަދެގެން ދިޔައެވެ.
އެއްފަހަރަކު ނަބިއްޔާ ﷺ އަޑުއެއްސެވުމަށްޓަކައި އެކަލޭގެފާނުގެ އެދިލެއްވުމަށް ޢަބްދު ﷲ ބުން މަސްޢޫދުގެފާނު ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވިއެވެ. ސޫރަތުއް ނިސާގެ ސާޅީސް އެއްވަނަ އާޔަތާއި ހަމައަށް ކިޔަވާ ވިދާޅުވިތަނާ ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. މިހާރު ތިބާއަށް ފުދިއްޖެއެވެ. ޢަބްދު ﷲ ބުން މަސްޢޫދުގެފާނު ނަބިއްޔާ ﷺ އަށް ބެއްލެވިއިރު އެކަލޭގެފާނުގެ ލޯފުޅުވަނީ ކަރުނައިން ފޯވެފައެވެ. އެކަލޭގެފާނަށް އަޘަރުކުރުވީ މިއާޔަތެވެ:
{فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلاءِ شَهِيداً} [النساء:41]
މާނައީ: "ފަހެ، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކުން ހެކިވެރިޔަކު، (އެބަހީ: އެއުރެންގެ މައްޗަށް ހެކިވުމަށްޓަކައި އެއުންމަތެއްގެެ ނަބިއްޔަކު) ގެންނަވައި، އަދި، މިބައިމީހުންގެ މައްޗަށް ހެކިވެރިޔެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންނަވާހިނދު، (ކާފިރުންގެ ޙާލު) ކޮންފަދަތޯއެވެ؟"
އެއްފަހަރަކު ނަބިއްޔާ ﷺ އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވެ ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ.
{إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ} [المائدة:118]
މާނައީ: "އެއުރެންނަށް، އިބަރަސްކަލާނގެ ޢަޛާބު ދެއްވާނަމަ، ފަހެ، ހަމަކަށަވަރުން، އެއުރެންނީ، އިބަރަސްކަލާނގެ އަޅުންނެވެ. އަދި އެއުރެންނަށް އިބަރަސްކަލާނގެ ފާފަފުއްސަވާނަމަ، ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ".
އަދި ދެއަތްޕުޅު އުފުއްލަވައި ތިމަންކަލޭގެ އުންމަތޭ، ތިމަންކަލޭގެ އުންމަތޭ ވިދާޅުވެ ކީރިތި ކުރެއްވިއެވެ. އެއާޔަތުން ކުރުވި އަޘަރުގެ ބޮޑުކަމުން އެއްމަސްދުވަސް ވަންދެން އެކަލޭގެފާނު އާލާސްކަންފުޅާއި އުޅުއްވިއެވެ.
އަބޫބަކުގެފާނު ނަމާދުގައި ކީރިތި ޤުރުއާން ކީރިތި ކުރައްވާ މިންވަރުގެ ބޮޑުކަމުން ކިޔަވާ ވިދާޅުވާ އެއްޗެއް ފަހުމުނުވާ ދަރަޖައަށް އެކަލޭގެފާނުގެ ޙާލަތު ދާކަމުގައިވެއެވެ.
އެއްފަހަރަކު ޢުމަރުގެފާނަށް މީހަކު އަންނަނިވި އާޔަތް ކިޔެވި އަޑު އިވިވަޑައިގަތެވެ.
\{إِنَّ عَذَابَ رَبِّكَ لَوَاقِعٌ * مَا لَهُ مِنْ دَافِعٍ} [الطور:7 – 8]
މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަޛާބަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ. އެޢަޛާބު (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެތެވެ".
މިއާޔަތުން ޢުމަރުގެފާނަށް ކުރެއްވި އަޘަރުގެ ބޮޑުކަމުން އެއްމަސް ދުވަސްވަންދެން އާލާސްކަންމަތީ ތަންމަތީގައި އޮންނެވިއެވެ.
މިއީ އެބޭކަލުންނާއި މެދު ﷲ ތަޢާލާ ރުހިވޮޑިގެންފައިވާ، އެބޭކަލުންނަށް ތަޢުރީފުކުރައްވާފައިވާ ބޭކަލުންގެ ޙާލަތުހުރިގޮތެވެ. ﷲ ތަޢާލާ މިފަދަ ބޭކަލުންނާއި މެދު ވަޙީކުރައްވާފައިވެއެވެ:
{إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَاناً وَعَلَى رَبِّهِمْ يَتَوَكَّلُونَ} [الأنفال:2]
މާނައީ: "މުއުމިނުން ވާކަން ކަށަވަރީ، اللَّه ހަނދުމަ ކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) އާޔަތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ".
އަދިވެސް ﷲ ތަޢާލާ މިފަދަ ބޭކަލުންނާއި މެދު ވަޙީކުރައްވާފައިވެއެވެ:
{اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَاباً مُتَشَابِهاً مَثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَى ذِكْرِ اللَّهِ ذَٰلِكَ هُدَى اللَّهِ يَهْدِي بِهِ مَن يَشَاءُ ۚ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ } [الزمر:23]
މާނައީ: "اللَّه، އެންމެ ރިވެތި ބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ ޙާލުގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ މީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް اللَّه ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ".
މިއީ ކީރިތި ޤުރުއާނަށް ޢަމަލުކުރި ބޭކަލުންގެ ޙާލެވެ. އެއީ ކީރިތި ޤުރުއާނުން ހިތަށް ފިނަކަމާއި ލައްޒަތް ލިބިގަތް ޖީލެވެ. އެޖީލު މީސްތަކުންގެ ހިތުގެ ތޯހިރުކަމާއި ސާފުކަމުން ކީރިތި ޤުރުއާން ވެގެންދިޔައީ މޮޅު ބިމަކަށް ވެހުނު ބަރަކާތްތެރި ވާރޭއެއް ފަދަ އެއްޗަކަށެވެ. އެވާރޭގެ ސަބަބުން ވަސްމީރު މާމެލާމެލީގެ ގަސްތައް ފަޅައި، މީރު މޭވާތަކުން އެހިތްތައް ފުރި ބަންޑުންވިއެވެ. އެމާމެލާމެލީގެ މީރު ހުވަނދުގެ ވަހާއި ރައުޙާއި ރައިޙާނާއި އެކީ އެބޭކަލުންގެ ހިތްތައް ދުނިޔެ ފަހަނައަޅައި ރޫޙާނީ ޢާލަމަށް ދަތުރުކުރި ޖީލެކެވެ.
އަބޫ ރައިޙާނާއޭ ކިޔުނު ބޭކަލަކު ހަނގުރާމައިގެ މައިދާނުގައި އެތައް ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ގެއަށް ވަޑައިގެންނެވި ރޭގައި ނަމާދުކުރައްވަން ފެއްޓެވިގޮތަށް ސަލާމްދެއްވީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަނބިކަނބަލުން އެކަމަނާއަށް ވަގުތުކޮޅެއް ނުދެއްވިކަމުގެ ޝަކުވާ ކުރުމުން ދެންނެވީ ނަމާދުގައި ސުވަރުގޭގެ ނިޢުމަތްތަކުގެ އާޔަތްތައް ކިޔަވާ ވިދާޅުވުމުން އެނިޢުމަތުގެ ފުރިހަމަކަމުގެ ޚިޔާލުގައި ބެހިގެން ދިޔައީކަމުގައެވެ.
އެ ޖީލަކީ ކީރިތި ޤުރުއާން ހަމައެކަނި ދުލުން ކިޔަވައިލި ޖީލެއް ނޫނެވެ. އެޖީލަކީ އެބޭކަލުންގެ ހިތުގެ އެންމެ ފުނަށް ޤުރުއާން ވާސިލުވި ޖީލެވެ. އެޖީލަކީ ޤުރުއާނާއި އެކީ ދިރިއުޅުނު ޖީލެވެ. އެޖީލަކީ ޤުރުއާނަށް ޢަމަލުކުރުމުގެ މިޘާލީ ޖީލެވެ. އެޖީލަކީ އެބޭކަލުންގެ މުޖުތަމަޢުތަކުން ކީރިތި ޤުރުއާނުގެ ދިރިހުރި ތަރުޖަމާއާއި، ތަފްސީރު ފެނުނު ޖީލެވެ. އެޖީލަކީ ޤުރުއާނަށް ލޯބިކޮށް ޤުރުއާން ތަތްބީޤުކުރި ޖީލެވެ. ޤުރުއާނަށް ޤަދަރުކޮށް، ޤުރުއާނަށް ޙުކުމްކުރި ޖީލެވެ.
އެ ޖީލަކީ ސުވަރުގޭގެ ނިޢުމަތުގެ އާޔަތެއް ކިޔަވާހިނދު ސުވަރުގެ ތެރޭގައި ހުރި ފަދަ ޝުޢޫރާއި އެކީ ޤުރުއާން ކިޔެވި ޖީލެވެ. އެޖީލަކީ ނަރަކައިގެ އާޔަތެއް ކިޔަވާހިނދު ނަރަކައިގައި ހިލިހިލާޖެހި އަލިފާނުން އަނދައަނދާ ހުންނަ ފަދަ ޝުޢޫރާއި އެކީ ޤުރުއާން ކިޔެވި ޖީލެވެ. އެއީ ޤުރުއާނުގެ ބިޔަ ކަނޑަށް ފީނައި މުތާއި ޖަވާހިރުތައް ނަގައި އެއިން ޒީނަތްތެރިވީ ޖީލެވެ. އެއީ ކީިރިތި ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނައި ތަދައްބުރު ކުރުމުގައި ނިދިނަގައިލި ޖީލެވެ. އެއީ ކީރިތި ޤުރުއާނުން ﷲ އަށް މުނާޖާ ދެންނެވުމުގެ ޝައުޤުގައި އަރާމު ތަންމަތިތައް ދޫކޮށްލި ޖީލެވެ.
މީގެ ސަބަބުން އެޖީލު ވެގެންދިޔައީ ނަބިއްޔާ ޚަބަރު ދެއްވާފައިވާ ފަދައިން ޤުރުއާނުގެ ސަބަބުން ﷲ ތަޢާލާ މަތިވެރި ކުރެއްވި ޖީލަކަށެވެ. ޤުރުއާނުގެ ޝަފާޢަތް ޙައްޤުވި ޖީލަކަށެވެ. ﷲ ތަޢާލާގެ ޚާއްސަ އަހުލުވެރިންގެ ޖީލަކަށެވެ. ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވަމުން މަތިވެރި ދަރަޖަތަކަށް ވާސިލުވާނެ ޖީލަކަށެވެ.
ﷲ ތަޢާލާ އަޅުގަނޑުމެންނަކީ ވެސް މިފަދަ ޖީލެއްގެ ވެރިބައެއް ކަމުގައި ލައްވާށި! އާމީން
ނޯޓް: މިއީ ޝެއިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.