ސިފައިން ތަމްރީނު ކުރަން ހިންގަމުން އަންނަ އަސާސީ ތަމްރީނުވެ 70 ވަނަ ބެޗްގައި 98 މީހަކު ތަމްރީނުކޮށް، ސިފައިންގެ ހިދުމަތާ އަލަށް ގުޅިއްޖެ އެވެ.
މި ތަމްރީނު ބުރުގެ ނިމުން ފާހަގަކުރީ އިއްޔެ ހަވީރު ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކޯހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މަޢުމޫނެވެ.
އެމްއެންޑީއެފުން ބުނީ 70 ވަނަ ތަމްރީނު ބެޗްގައި ޖުމްލަ 98 ދަރިވަރުން ދަސްވެނިވިފައިވާ ކަމަށެއވެ. އެއީ 89 ފިރިހެން ދަރިވަރުންނާއި 9 އަންހެން ދަރިވަރުންނެވެ.
މިދިޔަ އަހަރުހގެ އޮކްޓޯބަރު 28 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމްގެ އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައި ވަނީ ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ ފޯތު ޕްލެޓޫނެވެ. އެ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް ޢަބްދުﷲ ހާޝިމް އަޙްމަދު ހޮވިފައިވާ އިރު، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ސެކަންޑް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް ޙުސައިން އައިހަމް މޫސާ އެވެ. އަދި، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ތާޑު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އިޝްޙާޤު މުޙައްމަދު ހޮވިފައިވާއިރު، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފޯތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަޙްމަދު ރިމާޙު އެވެ.
ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފިފްތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް ޢުލްވިއްޔާ އަހުމަދެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު ކާނަލް އިބްރާހީމް އަޝްރަފެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. މި ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.