Last Updated: January 10, 21:38
Friday, January 10, 2025
ދުނިޔެ

ރަޝިއާގެ ނޫސްވެރިޔަކު ދެ މަހަށް ގޭބަންދުކޮށްފި

ޔުކްރޭންގައި ހަރަކާތްތެރިވަމުން ދާ ރަޝިއާގެ ސިފައިންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ ނޫސްވެރިޔަކު ދެ މަހަށް ގޭންބަންދު ކުރަން ރަޝިއާގެ ކޯޓަކުން ހުކުމްކޮށްފި އެެވެ.

ފޯބްސްގެ ރަޝިއާ އެޑިޝަންގައި މަސައްކަތް ކުރަމުން އައި އެ ގައުމަށް ނިސްބަތްވާ ނޫސްވެރިޔާ ސާޖީ މިންގަޒޯވް ގޭބަންދުކުރީ މިދިޔަ ހުކުރު ދުވަހު އޭނަ ހައްޔަރުކުރުމަށް ފަހު އެވެ. ސާޖީ ހައްޔަރުކުރީ ރަޝިއާގެ ސިފައިންތަކެއް ޔުކްރޭންގެ ބޫޗާގައި ގަތުލުއާންމު ހިންގަމުންދާ ކަމަށް ބުނެ ބީބީސީގެ ރަޝިއާގެ އައުޓްލެޓާއި ރޭޑިއޯ ފްރީޑަމް ގެނެސްދީފައިވާ އާޓިކަލްތަކެއް ޓެލެގްރާމްގައި ރީޕޯސްޓްކުރުމާ ގުޅިގެންނެވެ.

އެގޮތުން ނޫސްވެރިޔާގެ މައްޗަށް ތުހުމަތުކުރީ ރަޝިއާގެ ސަލާމަތީ ބާރުތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ފެތުރިކަމުގެ ތުހުމަތެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިޔާހގެ ވަކީލު ކޮންސްޓަންޓިން ބުބޮން ފޯބްސް ރަޝިއާ އަށް ވިދާޅުވީ ސާޖީ ހައްޔަރު ކުރުމަށް ފަހު ފުރަތަމަ ބަންދުކުރީ ރިމާންޑް ސެންޓަރެއްގައި ކަމަށެވެ. އަދި ގޭބަންދަށް ބަދަލުކޮށް ދިނީ ކަފާލާތުގެ ދަށުން ކަމަށެވެ.

ވަކީލު ވިދާޅުވި ގޮތުގައި ސާޖީ ގޭބަންދުކުރީ އިންޓަނެޓްގެ އެއްވެސް ވަސީލަތެއް ބޭނުން ކުރުން ވެސް މަނާކޮށް، އާންމު އެއްވެސް ފަރާތަކާ އެއްވެސް ގޮތަކަށް މުއާމަލާތް ވެސް ނުކުރެވޭ ގޮތަށެވެ. ގޭބަންދުގެ މުއްދަތުގެ ތެރޭގައި ސާޖީ އަށް މުއާމަލާތް ކުރުމުގެ ހުއްދަ ދީފައި ވަނީ އޭނަގެ އާއިލާގެ މީހުންނާއި ވަކީލުންގެ ޓީމަށާއި ތަހުގީގު ޓީމުގެ އިތުރުން ޑޮކްޓަރެއްގެ އެހީ ބޭނުންވެއްޖެ ހިނދެއްގައި އެފަދަ މީހުންނާ އެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އިރު، މިކަމާ ބެހޭ ޚަބަރުތައް ގެނެސްދޭން ރަޝިއާ އިން ދަނީ ތަފާތު ހުރަސްތައް ކުރިމަތި ކުރަމުންނެވެ.