ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި ފްލެޓްތައް މިދިޔަ އަހަރު ހަވާލުކުރި ފަހުން އެ ތަންތަން ކުއްޔަށް ދޭ މައްސަލަ ބޮޑުވެއްޖެ އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ވަނީ "ސިފްކޯ ހިޔާ" ފްލެޓްތައް ކުއްޔަށް ދޭނެ ނަމަ، ފްލެޓް ލިބުނު ސިފައިންގެ އަތުން ފްލެޓް އަތުލާނަކަމުގެ އިންޒާރު ވެސް ދީފަ އެވެ. ފްލެޓް އެއްބަސްވުމުގައި ވެސް ބާ ގޮތުން އެ ތަންތަން އިތުރު ފަރާތަކަށް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ.
ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން ފެށި މަޝްރޫއުގެ ދަށުން ހެދި "ސިފްކޯ ހިޔާ" ގެ ތިން ޓަވަރުގައި 345 އެޕާޓްމަންޓު ހިމެނެ އެވެ. މިއީ ތިން ކޮޓަރީގެ ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓްތަކެވެ.
"ސިފްކޯ ހިޔާ" ފްލެޓްތަކަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ ފެށި މަޝްރޫއެކެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ އެޗްޑީސީ އާއި އާއި ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސް އަދި ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" ގުޅިގެންނެވެ.
ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ގައި އެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އެކަމަކު އެ ކުންފުނަޏަށް ވެސް ފްލެޓްތައް ނިންމާ ނުލެވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޗައިނާގެ ދަ ޓެވެންޑީ ތާޑް މެޓަލިޖިކަލް ކޮންސްޓްރަކްޝަން ގްރޫޕްއާ މަޝްރޫއު ހަވާލުކުރި އެވެ.
"ސިފްކޯ ހިޔާ" ފްލެޓްތައް އެ ލިބުނު ސިފައިންނާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.