ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދީފައިވާނީ އެންމެ ލުއިފަސޭހަ ވާނެ ގޮތަށް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އަަސަރު ކަރަންޓު ބިލުތަކުން އަބަދުވެސް ފެންނަ ކަމަށެވެ. ހޫނު ގަދަވާ ދުވަސްވަރު ކަރަންޓް ބިލު ބޮޑުވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑުވެއެެވެ.
އެހެން މަސްމަހާ އަޅާބަލާއިރު ރޯދަމަހަކީ ހަރަދުތައް ބޮޑު މަހެއްކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ އެކަމަށް ލުޔެއް ދިނުމުގެ ގޮތުން ރޯދަ މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓެއް ދިނުމަށް ރައީސް މުއިއްޒު ނިންމެވީ ކަމަށެވެ. އަދި ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް އެ ޑިސްކައުންޓް ދީފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ މާލޭގައި މިހާރު ބިލުކުރާ ގޮތަށްބަލާއިރު، ރޯދަ މަސް ފެށޭ ދުވަސް އަދި ނިމޭ ދުވަހު ހުރިހާ ތަނަކުން ރީޑިން ނެގުން ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
ރޯދަ ޑިސްކައުންޓް ދީފައިވަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ވާނެ ގޮތަށް ކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ ކަރަންޓް އަދި ފެން ހިމެނޭގޮތަށް ސްޓެލްކޯއިން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެވިފައިވާ ކަމަށެވެ.