ބޮލީވުޑްގެ ބަތަލާ ޝްދަރާ ކަޕޫރް މިހާރު ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ ރާހުލް މޯދީ އަލަށް ޕްރޮޑިއުސްކުރާ ފިލްމެއް ކުޅެން މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ޕްރޮޖެކްޓާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށްދާ ކަމަށާއި އޭގައި ޝްރަދާ ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ރާހުލް އަކީ މިދިޔަ އަހަރު ރިލީޒްކުރި ޝްރަދާ އާއި ރަންބީރް ކަޕޫރްގެ ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ މޭ މައްކާރު" ގެ އެއް ސްކްރީން ރައިޓަރެވެ.
ޝްރަދާ އާއި ރާހުލް ރައްޓެހިވެގެން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ ފެބްރުއަރީ މަހުގެ ފަހުކޮޅު އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިއެއްގެ ކައިވެނީގެ ތައްޔާރީތަކާ ގުޅޭ ހަފުލާއަކަށް އެ ދެ މީހުން އެކީގައި ދިއުމާ ގުޅިގެންނެވެ.
ނަމަވެސް މިހާތަނަށް ޝްރަދާ އެ ގުޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ރާހުލް އާއި ޝްރަދާ ވަރަށް އަވަހަކަށް ކައިވެނި ކުރަން ނިންމާފައިވާކަމުގެ އަޑުތަކެއް ވެސް މި ފަހުން ވަރަށް ގަދައަށް ދެކެވިފައިވެ އެވެ.
"އާޝިގީ 2" އާއި "އޭކް ވިލަން" އަދި "ބާގީ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޝްރަދާގެ ކުރިއަށް އޮތް ފިލްމަކީ 2018 ގެ ކާމިޔާބު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެ ދެވަނަ ބައި "އިސްތިރީ 2" އެވެ.