ބޮލީވުޑުން ގެއްލިފައިވާތާ ގިނަ ދުވަސްތަކެއް ފަހުން އެކްޓަރު އިމްރާން ޚާން އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
މަޝްހޫރު އެކްޓަރު އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާންގެ އާ ފިލްމަކީ "ހެޕީ ޕަޓޭލް" ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އޭގެ ޝޫޓިން މިހާރު ގޯއާގައި ކުރިއަށްދާ ކަމަށާއި މީގެ ޑައިރެކްޓަރަކީ އިމްރާނާ އެކީ 2011 ގެ "ދިއްލީ ބެލީ" ގެ ރޯލެއް ކުޅުނު އެކްޓަރު/ސްޓޭންޑަޕް ކޮމީޑިއަން ވީރް ދާސް ކަމަށެވެ.
މި ފިލްމު ވާނީ އޭނަގެ އަލަތު ޑައިރެކްޝަނަށެވެ.
ވަރަށް ތަފާތު ކޮންސެޕްޓަކަށް ހަދާ މި ކޮމެޑީގެ ކާސްޓްގައި މޯނާ ސިންގުގެ އިތުރުން އާމިރުގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ބުންޏެވެ. ނަމަވެސް "ހެޕީ ޕަޓޭލް" ގެ ލީޑް ބަތަލާ އަކީ ކާކު ކަމެއް އަދި ނޭނގެ އެވެ.
މިހާރު އުމުރުން 41 އަހަރުގެ އިމްރާން އެންމެ ފަހުން ފެނިފައި ވަނީ ކަންގަނާ ރަނާވަތާ އެކީ ކުޅުނު 2015 ގެ "ކައްޓީ ބައްޓީ" އިންނެވެ. ދެހާސް އަށެއްގެ "ޖާނޭ ތޫ…ޔާ ޖާނޭ ނާ" އިން ބޮލީވުޑަށް ނުކުތް އިމްރާން ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދިއްލީ ބެލީ" ގެ އިތުރުން "އައި ހޭޓް ލަވް ސްޓޯރީސް"، "ބްރޭކް ކޭ ބާދު" އަދި "އޭކް މޭ އޯރް އޭކް ތޫ" ހިމެނެ އެވެ.
އިމްރާން ފިލްމީ މަސައްކަތްތަކާ ދުރުވި އިރު، ދަރިޔަކު ވެސް ލިބިފައި ވަނިކޮށް އޭނަގެ ކައިވެނި ވެސް 2019 ގައި ވަނީ ރޫޅިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އިމްރާން މިހާރު އުޅެނީ ލޭކާ ވޮޝިންޓަން ކިޔާ ބަތަލާއަކާ ރައްޓެހިވެގެންނެވެ.