Last Updated: January 17, 21:49
Saturday, January 18, 2025
ޚަބަރު

ހަގީގަތް އޮޅޭ ގޮތަށް ދެއްކި ވާހަކަތައް ކުށްވެރިކޮށްފި

ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންނަށް ފޯނު ނުވެއްދޭނެކަމަށް އެންގި މައްސަލައިގައި ރައީސް އޮފީހުން ހަގީގަތް އޮޅޭގޮތަށް ދެއްކި ވާހަކަތައް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކުށްވެރިކޮށްފިއެވެ.

އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ހިނގާދިޔަ ކަންކަން ގަސްތުގައި އޮޅުވާލާ އާއްމުންނަށް ހަގީގަތް އޮޅޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިއުކޮށްފައިވާ ކޮމެންޓްތަކާ ހެދި އެމްޖޭއޭ އަދި ނޫސްވެރިން އިންތިހާއަށް ނުތަނަވަސްވެފައިވާ ކަމަށެވެ.

އެމްޖޭއޭއިން ބުނެފައިވަނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ނުވެއްދޭނެ ކަން، ނޫސްވެރިންނަށް އެންގީ ބައްދަލުވުމަށް ނޫސްވެރިން ދިޔަ ފަހުން ކަމަށެވެ. މިކަން ދުރާލާ އަންގާފައި ނުތުމާއެކު، މަސައްކަތަށް ހުރަސްއެޅޭކަމަށް ބުނެ ނޫސްވެރިން އިހުތިޖާޖުކުރުމުން، އިއްޔެގެ ބައްދަލުވުމަށް ފޯނު ވެއްދޭނެ އިންތިޒާމު ރައީސް އޮފީހުން ހަމަޖައްސައިދިންކަން އެމްޖޭއޭއިން ފާހަގަކުރިއެވެ.

"ނަމަވެސް ނޫސްވެރިންނަށް އަންގާފައި ވަނީ، ދެން މީގެ ފަހުން، ކުރިއަަށް ހުރި ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށެވެ." އެމްޖޭއޭއިން ބުނެފައިވެއެވެ.

އެމްޖޭއޭއިން ވަނީ ގިނަ އަދަދެއްގެ ނޫސްވެރިން ތިބި ތަނެއްގައި ހިނގާދިޔަ ކަމެއްގެ ހަގީގަތް ގަސްތުގައި އޮޅުވާލާ، ނޫސްތަކުން ރިޕޯޓްކުރި ވާހަކަތައް އޮޅުވާލަން ރައީސް އޮފީހުން ކުރި މަސައްކަތް ކުށްވެރިކޮށްފައެވެ.

މިނިސްޓަރުން ފިޔަވައި ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ދާ އެއްވެސް ބަޔަކު މޮބައިލް ފޯނު ވެއްދުން މަނާކޮށްފައިވާފައިވަނީ މީގެ ދެމަހެއް ކުރިންނެވެ. ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށްދާ ނޫސްވެރިންނަށް ފޯނު ނުވެއްދޭނެކަން ރައީސް އޮފީހުން އެންގުމުން ނޫސްވެރިން އަދި އާންމުންގެ ފާޑުކިޔުން އެކަމަށް އަމާޒުވިއެވެ. އެހެންނަމަވެސް ފަހުން ރައީސް އޮފީހުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.