Last Updated: November 30, 09:20
Saturday, November 30, 2024
މުނިފޫހިފިލުވުން

ދަ ވީކެންޑްގެ ފަރާތުން ގާޒާއަށް އިތުރު ދެ މިލިއަން ޑޮލަރު

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދަ ވީކެންޑް ފަރާތުން އެހީގެ ގޮތުގައި ފަލަސްތީނުގެ ގާޒާ އަށް އިތުރު 2 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

ދަ ވީކެންޑް ނުވަތަ އަސްލު ނަމުން ނަމަ، އަބީލް ޓެސްފާ މި އެހީ ގާޒާ އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޔޫއެން ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ އެކްސްއޯ ހިއުމެނިޓޭރިއަން ފަންޑް މެދުވެރިކޮށެވެ.

ޑަބްލިއުއެފްޕީ އިން ނެރުނު ބަޔާނެއްގައި ބުނީ ދަ ވީކެންޑް ހަދިޔާކުރި 2 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައި 1،500 މެޓްރިކް ޓަނުގެ ފުށް ގާޒާ އަށް ފޮނުވުމަށް ކަމަށެވެ. އެ ތަކެތި ގާޒާގެ 157،000 މީހުންނަށް އެއް މަސް ދުވަހަށް ބޭނުން ކުރެވޭނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ޑަބްލިއުއެފްޕީގެ ގުޑްވިލް އެމްބަސެޑަރެއްގެ ރޯލު ވެސް އަދާކުރަމުން އަންނަ ދަ ވީކެންޑް މީގެކުރިން ވަނީ ގާޒާ އަށް އެހީވުމަށް 2.5 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ. އެ ފައިސާއިން ހަތަރު މިލިއަން ޕާރުސަލްގެ ކާނާ ގާޒާގެ 173،000 މީހުންނަށް ދެ ހަފްތާ ވަންދެން ވަނީ ފޯރުކޮށްދީފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 34،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

އިޒްރޭލުން ދަނީ ބައިނަލްއަގުމާވީ ދުނިޔެއިން ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށް ދޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ހުރަސް އަޅަމުންނެވެ. މީގެ ސަބަބުން ކާނާ އާއި ފެނާއި ބޭސް ފަދަ ތަކެއްޗާ އެކީ ފަލަސްތީނަށް ނުވަދެވި، އެހީގެ އެތައް ގާފިލާއެއް އެބަތިއްބެވެ.