މިދިޔަ ފެބްރުއަރީ މަހު އިއުލާންކުރި ވަރޫން ދަވަނާއި ޖާންވީ ކަޕޫރްގެ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ ކާސްޓާ އިތުރު ދެ ދެ ތަރިއަކު ގުޅިއްޖެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަސް ޝިޝާންކް ކައިތާން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމުގެ ކާސްޓަށް އިތުރުވީ ސާނިއާ މަލްއުތުރާ އާއި ރޯހިތު ސަރަފު ކަމަށެވެ.
އާމިރު ޚާންގެ "ޑަންގަލް" އިން ބޮލީވުޑަށް ނުކުތް ސާނިއާ އަކީ "ބަދާއީ ހޯ" އާއި "ޖަވާން" އާއި "ސޭމް ބަހާދޫރު" ފަދަ ކާމިޔާބު ފިލްމުތަކުގައ މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. ވަރޫންގެ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ ރޯލަކަށް އޭނަ ސޮއިކުރި އިރު، އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ވަރޫންގެ "ބޭބީ ޖޯން" ގެ ހާއްސަ ފެނިލުމެއްގައި ވެސް ސާނިއާ ހިމެނެ އެވެ.
އާންމުކޮށް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ ރޯހިތު ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ"، ރާނީ މުކަރްޖީގެ "ހިޗްކީ"، ޕްރިޔަންކާ ޗޯޕްޅާގެ "ދަ ސްކައި އިޒް ޕިންކް" އަދި ރިތިކް ރޯޝަންގެ "ވިކްރަމް ވޭދާ" ހިމެނެ އެވެ. ރޯހިތު ލީޑް ރޯލުން ފެންނާނެ "އިޝްގް ވިޝްގް ރީބައުންޑް" މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ.
ސާނިއާ އާއި ރޯހިތު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ ކާސްޓަށް އިތުރުވި އިރު، މިއީ ރޯހިތު ދަރުމާ އަށް ކުޅޭ ފުރަތަމަ ފިލްމެވެ. ސާނިއާ ކުރިން އެ ސްޓޫޑިއޯގެ "މީނާކްޝީ ސުންދަރޭޝްވަރު" ކުޅެފައިވެ އެވެ.
"ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 18 ގަ އެވެ. މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ބަވާލް" އަށް ފަހު ވަރޫން އާއި ޖާންވީ އެކީގައި ކުޅޭ ދެވަނަ ފިލްމެވެ.
"ހަމްޓީ ޝަރުމާ ކީ ދުކްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" އަދި "ދަޅަކް" ގެ ޑައިރެކްޓަރު ޝިޝާންކްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ގޯވިންދާ މޭރާ ނާމް" އެވެ.