Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

"ވާނުވާ" އެއްކޮށް ނިމުމަކަށް ގެންނާނަން: އިހުސާން

ހުކުމަކާ ނުލައި އެއްވެސް މީހަކު ޖަލުގައި "ވާނުވާ" ގައި ގެންގުޅުމަކީ މި ސަރުކާރުން ބޭނުންވާ ކަމެއް ނޫން ކަމަށާއި އެކަން ވަރަށް އަވަހަކަށް ނިމުމަކަށް ގެންނަވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި "އަހާ" ފޯރަމްގައި މިނިސްޓަރު ވިދާޅުވީ "ވާނުވާ" އަކީ ގާނޫނީ ވެރިކަމެއް ހިނގާ ތަނެއްގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އިހުސާން ވިދާޅުވީ "ވާނުވާ" ގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ވެސް ކަމަށެވެ.

"މި ސަރުކާރުގެ ވަރަށް ބޮޑު އިސްކަމެއް ދޭ މައްސަލައެއް ވާނުވާގެ މައްސަލަ އަވަހަށް ހައްލުކުރުން. އެގޮތުން މިއަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އަޅުގަނޑުމެން ސަރުކާރާއި ހަވާލުވެގެން ވަރަށް ބޮޑަށް ބަލައިފިން މި މައްސަލައިގެ އަސްލަކީ ކޮބައިތޯ،" މިނިސްޓަރު ވިދާޅުވި އެވެ. "މި މައްސަލައިގެ އަސްލަށް ބަލާއިރު ފުރަތަމަ ޖިނާއީ މުޅި އަދުލުގެ ނިޒާމު ލަސްވާ ލަސްވުން މީ އެންމެ ބޮޑު މައްސަލައަކީ."

އިހުސާން ވިދާޅުވީ އެއްވެސް މީހަކު ޖަލުގައި ބަހައްޓައިގެން ތަހުޤީގު ހިންގައި ހުކުމެއް ނެތި "ވާނުވާ" ގައި ބެހެއްޓުމަކީ މިޮ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި ޖަލުގައި "ވާނުވާ" ޖަހާފައި ތިބި ހުރިހާ މީހުންނަށް އަވަސް ނިޔާއެއް ލިބި ސަލާމަތްކުރަން ޖެހޭ މީހުން ސަލާމަތްކުރެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

"ހުކުމެއްގައި ނޫން ގޮތަކަށް މީހަކު ޖަލުގެ ތޭރިތަކުގެ ތެރޭގައި ބެހެއްޓުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން އެކަން މުޅިން ހުއްޓާލާނަން." މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ގާނޫނުތަކުގެ ތެރެއިން، ވަކިން ހާއްސަކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް ގާނޫނުގެ ތެރެއިން ލިބިދާނެ ހައްލުތައް އެޓާނީ ޖެނެރަލް އޮފީސް މެދުވެރިކޮށް މިހާރު ވެސް ހޯދަމުން އަންނަ ކަމަށެވެ. އަދި ޝަރީއަތްތައް އަވަސްކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހާއި ކޯޓުތަކާ އެކީ އެޓާނީ ޖެނެރަލް އޭޖީ އޮފީހުން މަޝްވަރާތައްކޮށް އެ މަސައްކަތް ކުރަމުން އަންނަ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިހާރުވާނެ ވާނުވާގައި އެންމެ ގިނަ ދިވަސްވީ ފަރާތްތަކުގެ މައްސަލަތައް ހިމެނޭ މައްސަލަތަކުގެ ލިސްޓެއް އަރުވާފައި،" އިހުސާން ވިދާޅުވި އެވެ. "މި މައްސަލަތައް އަވަސްކޮށް ދިނުމަށް އެދި ޕީޖީއަށްވެސް އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުން ކޯޓުތަކަށްވެސް މިހާރު އެ ލިސްޓު ވާނީ ފޯރުކޮށްދެވިފައި."