Last Updated: November 30, 09:20
Saturday, November 30, 2024
މުނިފޫހިފިލުވުން

ޒޯޔާގެ ހުށަހެޅުމެއް އާމިރަށް

އާމިރު ޚާނަށް ޑައިރެކްޓަރު ޒޯޔާ އަޚްތަރު ފިލްމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އާމިރަށް ހުށަހެޅީ މެދު އުމުރުގެ މީހަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެއް ކަމަށާއި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އާމިރު މިހާރު އަންނަނީ އޭނަ ޕްރޮޑިއުސްކޮށް، ކުޅޭ "ސިތާރޭ ޒަމީން ޕަރު" ގެ މަސައްކަތް ކުރަމުންނެވެ. މި އަހަރުގެ ޑިސެމްބަރުގައި ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ މި ފިލްމަކީ ނުކުޅެދުންތެރިކަން ހުންނަ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ނުކުމެ ބޮޑު މުބާރާތެއް ކާމިޔާބު ކުރަން ކުރާ މަސައްކަތް ދައްކުވައި ދިން ސްޕެއިންގެ ފިލްމު "ޗެމްޕިއަންސް" ގެ ރިމޭމެކެވެ.

"ސިތާރޭ ޒަމީން ޕަރު" ގެ ޑައިރެކްޓަރަކީ 2017 ގެ "ޝުބް މަންގަލް ސާވުދާން" ގެނެސްދިން އާރްއެސް ޕްރަސައްނާ އެވެ.

އާމިރު، 59، ގެ އެންމެ ފަހުގެ ފިލްމަކީ ވެސް ރިމޭކެކެވެ. އެއީ ހޮލީވުޑްގެ "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން 2022 ގައި ގެނެސްދިން "ލާލު ސިންގް ޗައްޑާ" އެވެ. މިއީ ބޮޑު ފްލޮޕެކެވެ.

ޒޯޔާގެ ފިލްމެއް އާމިރަށް ހުށަހެޅި އިރު، އޭނަގެ ކޮއްކޮ ފަރުހާން އަޚްތަރުގެ ފުރަތަމަ ފިލްމު 2003 ގެ "ދިިލް ޗާތާ ހޭ" އަކީ އާމިރު މުހިއްމު ރޯލެއް ކުޅުނު ފިލްމެކެވެ.

ޒޯޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދި އާޗީސް" އެވެ. އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ގަލީ ބޯއި"، "ދިލް ދަޅަކް ނޭ ދޯ" އަދި "ޒިންދަގީ ނާ މިލޭގީ ދުބާރާ" ފާހަގަކޮށްލެވެ އެވެ. މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚްތަރުގެ ދަރިފުޅު ޒޯޔާ އަކީ ބޮލީވުޑްގެ އަންހެން ޑައިރެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ.