ހަޔާތުގެ ބައިވެރިޔަކު ހުރި ނަމަ ރަނގަޅުވީސް ކަމަށާއި އެކަމަކު ބައިވެރިޔަކު ނެތުމުގެ ފަޅުކަމެއް ނެތް ކަމަށް ބަތަލާ މަނީޝާ ކޮއިރަލާ ބުނެފި އެވެ.
އަލަތު ކައިވެނި ކައިވެނި ރޫޅިފައިވާ 53 އަހަރުގެ ބަތަލާ ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަގެ ހަޔާތަށް އަލުން ބައިވެރިއެއް އަންނަން ތަގުދީރުގައި އޮތް ނަމަ އެކަން ވާނެ ކަމަށެވެ. އެކަމަކު މިހާރު ކަމާކަން ފަށާފައި ބައިވެރިޔަކު ހޯދަން ކޮންމެހެން ނޫޅޭ ކަމަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަނީޝާ ބުންޏެވެ.
"އެހެންވެ ބޭނުމެއް ނޫން ކޮންމެހެން ވަކި މީހަކަށްޓަކައި އަހަރެންގެ ހަޔާތުގެ ދުވަސްތައް ބޭކާރުކޮށްލާކަށް. މިހާރު ވަރަށް ހިތްހަމަޖެހިގެން މި އުޅެނީ." ކެންސަރު ޖެހި، އެ ބަލިން ސަލާމަތްވެފައިވާ ހުނަރުވެރި ބަތަލާ ބުންޏެވެ.
މަނީޝާގެ ކުރީގެ ފިރިމީހާ އަކީ އޭނަ ނިސްބަތްވާ ގައުމު ކަމަށްވާ ނޭޕާލްގެ ވިޔަފާވެރިއެއް ކަމަށްވާ ސަމްރާޓް ޑަހާލް އެވެ. އެ ދެ މީހުންގެ 2010 ގެ ކައިވެނި ރޫޅައިލީ 2012 ގަ އެވެ. ކައިވެންޏެއް ކުއްޖަކު ލިބިފައެއް ނުވެ އެވެ.
ފިލްމީ ކެރިއަރުގެ ރަންޒަމާނުގައި ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނާއި މޮޅެތި ޑައިރެކްޓަރުންނާ އެކީ މަސައްކަތްކޮށްފައިވާ މަނީޝާގެ އެންމެ ފަހުގެ މަސައްކަތަކީ މިއަދު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އެވެ. މިއީ ބަންސާލީގެ ފުރަތަމަ ފިލްމު 1996 ގެ "ހާމޯޝީ: ދަ މިއުޒިކަލް" ގެ ބަތަލާގެ ރޯލަށް ފަހު، ބަންސާލީއާ އެކީ މަނީޝާ މަސައްކަތްކުރި ދެވަނަ ޕްރޮޖެކްޓެވެ.
އޭނަ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރުގެ "ޝެހެޒާދާ" އެވެ.
ފިލްމު "ސައުދާގަރު" އިން 1991 ގައި ބޮލީވުޑަށް ނުކުތް މަނީޝާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "1942: އަ ލަވްސްޓޯރީ"، "ބޮމްބޭ"، "ގުޕްތު"، "ދިލް ސޭ"، "އަކޭލޭ ހަމް އަކޭލޭ ތުމް" އަދި "މަން" ހިމެނެ އެވެ.