Last Updated: November 30, 06:26
Saturday, November 30, 2024
މުނިފޫހިފިލުވުން

"ހީރާމަންޑީ" ނެޓްފްލިކްސް އަށް ދޫކޮށްލައިފި

އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" މިއަދު ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.

ވަރަށް ގްރޭންޑްކޮށް ހަދާފައިވާ މި ސީރީޒަކީ ބަންސާލީގެ ފިލްމުތަކުން އާންމު ފެންނަ އޭނަގެ ސިގްޗޭނާ ސްޓައިލާއި ވައްޓަފާޅި ވަރަށް ބޮޑަށް ދައްކުވައިދޭ ގޮތަށް ހަދާފައިވާ އެއްޗެކެވެ. "ހީރާމަންޑީ" ގައި ކިޔައި ދެނީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ އެވެ.

މި ސީރީޒްގެ މައިގަނޑު ބަތަލާއިންނަކީ މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންހާ، ރިޗާ ޗައްޑާ، އަދިތީ ރާއޯ ހައިދަރީ، ޝަރުމިން ސޭގަލް އަދި ސަންޖީދާ ޝެއިހްވެ. "ހީރާމަންޑީ" ފިރިހެން ތަރިންގެ ތެރޭގައި ފަރުދީން ޚާނާއި ތާހާ ޝާހާއި ޝޭކަރް ސުމަންގެ އިތުރުން އޭނަގެ ދަރިފުޅު އަދިޔަޔަން ސުމަން ހިމެނެ އެވެ.

މި ސީރީޒްގައި ހިތްގައިމު ރީތި ލަވަތަކެއް ހިމެނޭ އިރު، ލަވަތަކުގެ މިއުޒިކް ހެދީ ބަންސާލީ އަމިއްލައަށެވެ.

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ. ބަންސާލީ އަންނަ އަހަރު "ލަވް އެންޑް ވޯ" ކިޔާ ފިލްމެއް ގެނެސްދޭނެ އެވެ.