އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުވުމަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވެވަޑައިގަތް ގޮތެއް ނޫން ކަމަށާއި ދަ ޑިމޮކްރެޓްސް އުފައްދަން އެ މަނިކުފާނު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ކަމަށް މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގައި އޭނަ ވިދާޅުވީ،ޑިމޮކްރެޓްސް އަކީ ނަޝީދު ބޭނުންވައިގެން ހެއްދެވި ޕާޓީއެއް ނޫން ކަމަށެވެ. އަދި ވަކި ޕާޓީއެއް އުފެއްދުމަށް އެ މަނިކުފާނުގެ އަރިހަށް ދިއުމުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ކަމަށް އާޒިމް ވިދާޅުވި އެވެ.
އެކަމަކު 2022 ގެ ކުރީކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެ ޕާޓީގެ ތެރޭގައި ހިނގައި ދިޔަ ކަންކަމުގެ ސަބަބުންނާއި ފަހުން 13 މަޖިލިސް މެންބަރުންނާއެކު ނަޝީދުގެ އަރިހަށް ގޮސް ދޫނުކޮށް އާ ޕާޓީ އެއް އުފެއްދުމަށް ހުށަހެޅުމުން އެންމެ ފަހުން އެކަން ނަޝީދު ގަބޫލުފކުރެއްވީ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މިއީ ހަގީގަތް. ތޭރަ އެމްޕީން ގާތުގައި އަހާލީމަ އެނގޭނެ. ހަމައެއްގޮތަކަށް ވެސް އެއްބަސްނުވި އަޅުގަނޑުމެން މި ޕާޓީ ހަދާކަށް. ނަމަވެސް އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކަ ރަނގަޅު ކަމަށް ރައީސްއަށް ގަބޫލުފުޅު ކުރެއްވިގެން އެންމެފަހުން ދެން އަޅުގަނޑުމެން ދޫނުކުރީމަ ވިދާޅުވީ އެންމެ ރަނގަޅޭ،" އޭނަ ވިދާޅުވި އެވެ. "ދެން އިހަށް ދުވަހު އަޅުގަނޑާއި މީގެ ދެ ދުވަސް ކުރިން ދިމާވީމަ ވެސް އަޅުގަނޑު ކައިރީގައި ނަޝީދު ވިދާޅުވީ ބުނީ އާޒިމްއޭ ތިމަންނަ އެ ދުވަހު ވެސް ބުނީމެއް ނޫންހޭ އަސްލުގައި މިއީ ރަނގަޅު ކަމެއް ނޫނޭ ކުރާކަށް އެނގޭތޯ. ރަނގަޅު ނުރަނގަޅު އަދިވެސް ނޭނގެއޭ."
މިދިޔަ އަހަރުގެ މެދު ތެރޭގައި ޑިމޮރެކްޓްސް ރަޖިސްޓްރީކޮށް ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީން ވާދަކުރި އެވެ. އަދި މިދޮޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުައި ވެސް ޕާޓީން ވާދަކުރި އެވެ. އެކަމަކު ދެ އިންތިހާބުގައި ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އެވެ. މަޖިލިސް އިންތިހާނުގައި 40 ވަރަށް ދާއިރާ އަށް ވާދަކޮށް ޑިމޮކްރެޓްސް އަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުވެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ނަޝީދު އުޅުއްވަނީ ސިޔާސީ މަސައްކަތްތަކާ ދުރުގަ އެވެ. އަދި މި އަހަރުހެ ޖެނުއަރީން ފެށިގެން މަނިކުފާނު މިހާރު ދިރިއުޅުއްވަނީ ގާނާގަ އެވެ. އެއީ ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެންނެވެ.
މިދިޔަ މަހުގެ 21 ގައި ބޭއްވި މަޖިލިސް އިންތިހާބުގެ އެންމެ ފަހުގެ ކެމްޕޭން ހަރަކާތްތަކުގައި ޑިމޮކްރެޓްސްއާ އެކީ ނަޝީދު މަސައްކަތްކުރެއްވި އެވެ.