ދިވެހި އަންހެން ފަނޑިޔާރުންގެ ދެވަނަ މަހާސިންތާ ބާއްވައިފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފައިވަނީ މި މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ އޭޕްރިލް 29 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ކޮންފަރެންސް ހުޅުވައި ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. މި ކޮންފަރެންސް ހުޅުވައި ދެއްވާ ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި ކޮންފަރެންސްގެ ތެރެއިން އަންހެން ފަނޑިޔާރުންނަށް ޝަރުއީ ދާއިރާގެ ތެރެއިން ހުރި ގޮންޖެހުންތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަންވެސް ފާހަގަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި ކޮންފަރެންސްގެ މަޤްސަދުތަކުގެ ތެރޭގައި ޝަރުއީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް ބާރުއަޅައި، ފުރަތަމަ އަންހެން ފަނޑިޔާރުންގެ ކޮންފަރެންސަށް ފަހު ހޯދި ކާމިޔާބީތަކާއި ކުރިއެރުންތައް ދެނެގަތުން ހިމެނެއެވެ. އަދި އަދުލު އިންސާފުގެ ނިޒާމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު ވިސްނައި ޝިކާރައަށްވާ މީހުންގެ ތަޖުރިބާއަށް އަލިއަޅުވާލައި، އިންސާފުވެރި ޤާނޫނީ މަރުހަލާއެއް ކަށަވަރު ކުރުންވެސް ހިމެނެއެވެ.
ރާއްޖޭގައި ބޭއްވި ފުރަތަމަ އަންހެން ފަނޑިޔާރުންގެ ކޮންފަރެންސް ބާއްވާފައިވަނީ 2023 ވަނަ އަހަރުއެވެ.