Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

އެންމެން ދައްކަނީ ކައުންސިލަށް ކަންކަން ނުކުރެވޭ ވާހަކަ

އެންމެން ދައްކަނީ ކައުންސިލަރުން ގިނަޔަސް ކަންކަން ކުރެވޭ ވަރު މަދު ވާހަކަ ކަމަށް އައްޑޫ ހިތަދު އަށް ނިސްބަތްވާ ޝެއިހް މުހައްމަދު އަނީލު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަނީލު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަކި ކައުންސިލެއްގެ ނަން ފާހަގަ ނުކުރައްވައި ވިދާޅުވީ ގިނަ ކައުންސިލަރުން ތިއްބެވި ނަމަވެސް ކަންކަން ނުކުރެވޭ ވާހަކަ ދައްކާތީ އެހެން ހައްލެއް ހޯދަން ޖެހޭ ކަމަށް އިޝާރާތް ކުރައްވާފައިވެ އެވެ.

އެގޮތުން ކޮންމެ އަވަށަކުން އިންތިހާބު ކުރެވޭ ކަތީބަކާއި މުޅި އަތޮޅުން އިންތިހާބު ކުރެވޭ އަތޮޅު ވެރިޔަކާ އެކީ ފީ އިދާރީ ދާއިރާތައް ނުހިންގޭނެތޯ ސުވާލު ކުރައްވާފައިވެ އެވެ.

ލާމަރުކަޒީ ގާނޫނާ އެކީ ކައުންސިލުތައް އުފެއްދުމުގެ ކުރިން ރާއްޖޭގެ އަތޮޅުތައް ހިންގަމުން އައީ ސަރުކާރުން އައްޔަން ކުރަމުން އައު އަތޮޅުވެރިންނާއި ރަށްރަށަށް އައްޔަންކުރާ ކަތީބުންނާ އެކީގަ އެވެ. އަދި އޭރު އެކަން ވިލަރެސްކުރަމުން އައި އިދާރާ އަކީ އެޓޯލްސް މިނިސްޓްރީ އެވެ.

ކުރިން ރަށްރަށުގެ ވެރިންނަށް އިސްކޮށް ތިއްބަވަނީ ބޮޑު ކަތީބުންނާއި ކުޑަ ކަތީބުންނެވެ.

ނަމަވެސް ކައުންސިލްތައް އުފެދުނު ފަހުން ރަށްރަށުގެ ވެރިންނަށް ތިއްބަވަނީ ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުންނެވެ. އެގޮތުން ސިޓީއެއް ނަމަ އެންމެ އިސްވެރިޔަކީ މޭޔަރެވެ. އަދި ޑެޕިއުޓީ މޭޔަރަކު ވެސް ހުންނަވަ އެވެ. މީގެ އިތުރުން އަތޮޅު ކައުންސިތްތަކުގައި ރައީސުންނާއި ނައިބުންނާއި ރަށު ކައުންސިލް ރައީސުންނާއި ނައިބު ރައީސުން ތިއްބަވަ އެވެ.

ސިޓީއެއްގެ ގޮތުގައި އޮތް އައްޑޫ އަށް ބަލާ އުރި، މުޅި ކައުންސިލްގައި މިހާރު ޖުމްލަ 13 ކައުންސިލަރަކު އެބަތިއްބެވި އެވެ. އެކަމަކު އެހާ ގިނަ ކައުންސިލަރުންނާ އެކީ ވެސް ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކައުންސިލަށް މަސައްކަތް ނުކުރެވޭކަމުގެ ޝަކުވާތައް އާންމުންގެ ތެރޭގައި ވަރަށް ބޮޑެވެ.

އެހެންވެ އައްޑޫ ކައުންސިލަކީ އާންމުންގެ ފާޑުކިޔުންތައް ވަރަށް ބޮދަށް އަމާޒުވެފައިވާ ކައުންސިލެކެވެ.

ކައުންސިލްތައް ވިލަރެސް ކުރާ އިދާރާގެ ގޮތުގައި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިތުރުން މި ސުކާރުން އަލަށް އުފެއްދި މިނިސްޓްރީ ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓްރީ ހިމެނެ އެވެ.

ކައުންސިލް އިންތިހާބު ވެސް ގާތްވަމުން އަންނާތީ ކައުންސިލަރުންގެ ގިނަ ވާހަކަ އާއި ކައުންސިލްތަކަށް ކަންކަން ނުކުރެވޭ ވާހަކައިގެ އިތުރުން ދެން ކައުންސިލްތަކަށް ހޮވާ މީސްމީހުންގެ ވާހަކަ މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނަކަން ފާހަގަކުރެވެ އެވެ.