Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ހައުސިން ޔުނިޓްތަކަށް ކުރިމަތި ލުމަށް ވަރަށް އަވަހަށް ހުޅުވާލަނީ

ހިތަދޫ ހައުސިން ޔުނިޓް އަޅާ ސަރަހައްދުގައި ފެންސް ޖަހާފައި.

އައްޑޫގައި އަޅަން ތައްޔާރުވަމުން އަންނަ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިމޭ އިރަށް އެތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ހެދުމުގެ ގޮތުން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެގޮތުން ކައުންސިލުން ދާދި ފަހުން ވަނީ ހައުސިން ޔުނިޓްތަކަށް ކުރިމަތިލެވޭނެ ކެޓަގަރީތަކެއް ވެސް ދާދި ފަހުން އާންމުކޮށްފަ އެވެ. ކައުންސިލުން ކުރިން ނިންމީ މި މަހުގެ ތެރޭގައި ފުރުސަތު ހުޅުވައިލާށެވެ.

ކައުންސިލްގެ ލޭންޑް، ހައުސިން އެންޑް އިންފްރާސްޓްރަކްޝަނާ ހަވާލުވެ ހުންނަވާ މުހައްމަދު ޔަސްރިފް މިއަދު ވިދާޅުވީ ސީއެމްއީސީން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް ދޮޅު އަހަރު ނުވަތަ ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމައި ލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ފަހަރު އަޅާ ހައުސިން ޔުނިޓްތައް ނިމޭ ތަނުން އެތަން ތަނުގައި ދިރިއުޅެވޭނެ ގޮތް ހަދަން ބޭނުންވާ ކަމަށެވެ. އެއީ ފޭދޫގައި އެޅި 25 ހައުސިން ޔުނިޓްގެ ތަޖުރިބާ އަށް ބަލައިފައި ކަމަށް ވެސް ޔަސްރިފް ވިދާޅުވި އެވެ.

އެތަންތަނުގައި މީހުންނަށް ދިރިއުޅެން ފެށުނީ ގުރުއަތުލުން އެކި ސަބަބުތަކާ ހެދި ދިގުލައި، ޔުނިޓްތަކުގެ މަސައްކަތް ނިމިފައި ހުންނަތާ ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަސް ފަހުންނެވެ.

"ފޭދޫގައި އިމާރާތް ކުރި ޔުނިޓްތަކަށް މީހުންނަށް ވަދެވޭ ވަރުވީ އެތަންތަން ވީރާނާވާން ފެށި ފަހުން. އެހެންވެ މި ފަހަރު އަޅުގަނޑުމެން ބޭނުން ވަނީ ދުރާލައި މި ޔުނިޓްތައް ލިބޭ މީހުން ކަނޑައަޅައި ނިންމާފައި ބޭއްވުމަށް. އަދި ދައްކަން ޖެހޭ ފައިސާގެ ކަންކަން ވެސް ކުރީބައިގައި ނިންމާފައި ބޭއްވުމަށް،" ޔަސްރިފް ވިދާޅުވި އެވެ. "އޭރުން މަސައްކަތް ނިމޭ އިރަށް ތަޅުދަނޑު އެ މީހުންނާ ހަވާލު ކުރެވޭނެ."

މި ފަހަރު ނިންމާފައި ވަނީ ޔުނިޓްތައް އަޅާ ސަރަހައްދުތަކުން ކުރިން ގޯތި ދޫކޮށްފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ޔުނިޓްތައް ދޫކުރުމާއި އައްޑޫގެ ކޮންމެ އަވަށެއްގެ ރައްޔިތަކަށް ވެސް ބާކީ ހުރި ޔުނިޓްތަކަށް ކުރިމަތިލެވޭ ގޮތަށެވެ.

"މިހާރު މަސައްކަތްދާ ގޮތަށް ބަލާ އިރު، މި ފަހަރު މަޝްރޫއު ނިމޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު. ވަރަށް ބާރަށް މަސައްކަތްތައް ކުރިއަށް މި ދަނީ. އެހެންވީމާ ލަސްތަކެއް ނުވެ ފައުންޑޭޝަން އަޅައި އަމަލީ މަސައްކަތްތައް ފެށިގެން ދާނެ." ޔަސްރިފް ވިދާޅުވި އެވެ.

ޔުނިޓްތައް އަޅާ ސަރަހައްދުގެ ބިން ސާފުކޮށް، ފެންސް ޖަހާފައި: އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. ފޮޓޯ/ އަހުމަދު ޝަފީއު
ޗައިނާގެ ނެޝަނަލް މެޝިނަރީޒް އެންޑް އިކްޕްމަންޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އައްޑޫގައި މި ފަހަރު އަޅަން ނިންމާފައި ވަނީ ޖުމްލަ 312 ފްލެޓެވެ.

އެއީ ހިތަދޫގައި 264 ފްލެޓާއި ހުޅުމީދޫގައި 48 ފްލެޓް ހިމެނޭ ހައުސިން ޔުނިޓްތަކެވެ. މި މަސައްކަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

އެގޮތުން ފުރަތަމަ މަސައްކަތް ފަށާ ހިތަދޫ ސައިޓްގައި އެކޮމޮޑޭޝަނާއި އޮފީސް އިމާރާތް ހަދައި މިހާރު ވަނީ ނިންމައިފަ އެވެ. އަދި މަސައްކަތަށް ބޭނުންވާ ތަކެތި ވެސް މިހާރު ވަނީ އައްޑު އަށް ގެނެސްފަ އެވެ.

މީގެ އިތުރުން ހައުސިން ޔުނިޓްތަކުގެ ފައުންޑޭޝަން އެޅުމުގެ ކުރިން އެތަންތަނަށް ކަރަންޓް ލެވޭނެ އިންތިޒާމު ވެސް ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ކުރަން ވަނީ ނިންމައިފަ އެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.

އޭނާ ވިދާޅުވީ ހުުޅުމީދޫގެ މަސައްކަތް ފަށާނީ ހިތަދޫގެ މަސައްކަތް ވަކި ހިސާބަކަށް ކުރިއަށް ގެންދެވުމުން ކަމަށެވެ.