މާލޭގައި މާރާމާރީއެއް ހިންގަންދިޔަ ދެ މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ.
މާރާމާރީ ހިންގަން ދަނިކޮށް ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ އަދި 24 އަހަރުގެ ދިވެހި ފިރިހެންނުންނެވެ.
ފުލުހުން ބުނެފައިވަނީ ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކީ މި މީހުން ނިސްބަތްވާ ގްރޫޕަކުން މާލޭގައި ހަރަކާތްތެރިވާ އިތުރު ގްރޫޕެއްގެ ބަޔަކަށް ހަމަލާދިނުމަށް ދާކަމަށެވެ. އަދި މި މައުލޫމާތާ ގުޅިގެން ފުލުހުން މި މީހުންގެ ފަހަތުންގޮސް ހުއްޓުވާ ބެލިއިރު މި ދެމީހުން ދުއްވާފައި ދިޔަ ސައިކަލުން ދަގަނޑު ފަލަ ޗޭނަކާއި ކަތުރަކާއި ރެންޗެއް ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ރެންޗު ފެނިފައިވަނީ ސައިކަލުގެ ޕޮކެޓުން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މާރާމާރީއެއް ހިންގުމަށް ތައްޔާރުވެފައިވާ ކަމަށް ބެލެވޭ ސަބަބުތަކެއް ހުރި ކަމަށްވެސް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ކޯޓުގައި ބުނެފައިވަނީ ސައިކަލުން ފެނުނު ތަކެއްޗަކީ އާންމުކޮށްވެސް ގެންގުޅޭ ތަކެތި ކަމަށާއި އެ ތަކެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ގެންގުޅޭ އެއްޗެހި ނޫންކަމަށެވެ. އަދި މާރާމާރީގެ އެއްވެސް އަމަލެއް ހިންގާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ދީފައެވެ.