ސްޓެލްކޯ އިން ކަރަންޓްގެ ހިދުމަތް ދޭ ރަށްރަށުގައި އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ޕީއެސްއެމްގައި ވިދާޅުވީ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ އިރު އައު އިންޖީނުގެތައް ހަދާނީ ޒަމާނީ ފެންވަރަށެވެ.
އޭނަ ވިދާޅުވީ ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް 33 ރަށެއްގައި ދެމުން އަންނަ އިރު، މިހާރު ހުރި އިންޖީނުގެ ތެރެއިން ބައެއް އިންޖީނުގެތައް ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކ ވަރަށް ކައިރީގައި ކަމުން އެ ތަންތަން ބަދަލުރުމަކީ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ފަހުމީ ވިދާޅުވީ އެ މަސައްކަތް މިހާތަނަށް ނުކުރެވި އޮތީ ރަށްރަށުން ބިން ލިބުމުގައި ދަތިކަމާ ހެދި ކަމަށެވެ. ނަމަވެސް މިހާރު ބައެއް ރަށްރަށުން ބިން ހަމަޖެހިފައިވާތީ އެ ރަށްރަށުގައި އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވި އެވެ. އަދި ބައެއް ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައް މިހާރު ކުރިއަށްދާތީ ބިން ހިއްކައި ނިމުމުން އެކަމުން ވެސް ބިން ލިބެން މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ.
"މި އަހަރު އިރާދަ ކުރެއްވިއްޔާ އެ ރަށްތަކުގައި އާ ޕަވަ ހައުސްތައް އެޅުމުގެ މަސައްކަތް ފަށައި ގަންނާނަން. މިކަން ކުރިއަށް ދާނީ ކައުންސިލްތަކުގެ އެއްބާރުލުމާ އެއްކޮށް." ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ދާދި ފަހުން ވަނީ މީހުން ދިރިއުޅޭ ސަރަހައްދުގަ ހުރި ތިން އިންޖީނުއެއް ވެސް ބަދަލުކޮށްފަ އެވެ.
ފެނަކަ އިން ވެސް މިފަދަ ވަރަށް ގިނަ މަޝްރޫއުތަކެއް އެކި ރަށްރަށުގައި ހިންގާފައިވާ އިރު، މިހާރު ވެސް އެފަދަ މަޝްރޫއުތަކެއް ކުރިއަށް އެބަދެ އެވެ.