ފަލަސްތީނާ ދެކޮޅަށް އިސްރާއިލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ގޮވާލާ، ވީޓޯގެ ބާރު އުވާލަން ރާއްޖެއިން ގޮވާލައިފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިއްޔެ ބަޔާން އިއްވާފައިވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ބަޔާން އިއްވަވަމުން ހައިދަރު ވިދާޅުވީ އ.ދ.ގެ އެންމެ ބާރުގަދަ ގުނަން ކަމުގައިވާ ސަލާމަތީ މަޖިލީހުގައި ފަލަސްތީނަށް އިންސާފު ލިބިދިނުމަށް ގޮވާލާ އަޑު އެންމެ ގައުމެއްގެ ވޯޓުން ހުއްޓުވުމަކީ ލަދުވެތިކަމެއް ކަމަށެވެ.
ހައިދަރު ވިދާޅުވީ ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް އ.ދ. ގެ 140 މެންބަރު ގައުމާއި ސަލާމަތީ މަޖިލީހުގެ 12 މެންބަރު ގައުމުން ގޮވާލާ މަސައްކަތްކުރާއިރު އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި އަޑުއުފުލާއިރު، އެންމެ ވޯޓަކުން މި ހުރިހާ އަޑެއް ކަނޑުވާލާފައިވާ ކަމަށެވެ.
އެންމެ ވީޓޯ ވޯޓެއްގެ ސަބަބުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއިލުން ހިންގަމުންދާ ޖަރީމާ ހުއްޓުވަން އ.ދ.ގެ ސަލާމަތީ މަޖިލިސް ފެއިލް ވެފައިވާ ކަމަށްވެސް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. އަދި ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ކަންކަމަކީ ނުވާ ކަމަކަށް ހަދައިގެން އަޅާ ނުލާ ސެކިއުޓީ ކައުންސިލަށް ނޯވެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ މިއީ އާންމު މަޖިލީހުން ވީޓޯ އުވާލަންވީ ވަގުތު ކަމަށާއި، ވީޓޯގެ ސަބަބުން ލާއިންސާނީ އަމަލުތައް ހިންގުމަށް އިސްރާއިލަށް ހިތްވަރު ލިބިފައިވާ ކަމަށެވެ.
Minister of Housing, Land and Urban Development Dr. Ali Haidar Ahmed delivered a statement on behalf of the Maldives on the veto cast at the #UNSC on the admission of #Palestine as a full member of the #UN.
At the statement delivered at #UNGA78 the Maldives reiterated the… https://t.co/Q0eYRGjlu4
— Moosa Zameer (@MoosaZameer) May 2, 2024
އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލާ، ނަސްލުނައްތާލުމަށް ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލާ އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ނަގާ ވޯޓުތައް ކޮންމެ ފަހަރަކުވެސް އެމެރިކާއިން ދަނީ ވީޓޯ ކުރަމުންނެވެ. އަދި ފަލަސްތީނަށް އ.ދ.ގެ މެންބަރުކަން ދިނުމަށް އެދި ފަލަސްތީނުން ހުށަހެޅި މައްސަލަވެސް ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ވަނީ ވީޓޯ ކޮށްފައެވެ.