Last Updated: January 17, 21:49
Saturday, January 18, 2025
ރިޕޯޓް

ޢުލޫމުލް ޤުރްއާން (1)

"ޢުލޫމުލް ޤުރުއާން" މިލަފްޒަކީ ދެކަލިމައެއްގެ މައްޗަށް އެކުލެވިގެންވާ ލަފްޒެކެވެ. އެއީ ޢުލޫމާއި، ޤުރުއާނެވެ. އެންމެ ފުރަތަމަ މިދެކަލިމައިގެ މާނައަށް ބަލާލަމާ ހިނގާށެވެ.

ޢުލޫމުގެ ލުޣަވީ މާނަ: ޢުލޫމުއަކީ ޢިލްމުތަކުގެ ޖަމުޢުއެވެ. ނުވަތަ ގިނަގޮތެވެ. އޭގެ މުފްރަދަކީ (ނުވަތަ އެކަތިކަން އަންގައިދޭ ލަފްޒަކީ) ޢިލްމެވެ. ޢިލްމަކީ ފަހުމާއި މަޢުރިފާއެވެ. ޢިލްމަކީ ޖާހިލުކަމުގެ އިދިކޮޅެވެ.
ޢިލްމުގެ އިޞްޠިލާޙީ މާނަ: ޢިލްމަކީ ކަމެއް އެކަމެއް އޮންނަ އެންމެ ފުރިހަމަ ގޮތުގައި ރަނގަޅަށް މަޢުރިފާވެ ފަހުމުވުމެވެ.
ޤުރުއާންގެ ލުޣަވީ މާނަ: ޤުރުއާންއަކީ ((قَرَأَ)) މިފިޢުލުގެ މަޞްދަރެވެ. މާނައަކީ އެއްކޮށް ޖަމާކުރުމެވެ. އަކުރުތަކާއި ކަލިމަތައް ޖަމާކުރެވިގެން ކިޔާކިޔުމެވެ.

ޤުރުއާންގެ އިޞްޠިލާޙީ މާނަ: ﷲ ސުބުޙާނަހޫ ވަތަޢާލާ ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލައްވައި، މުޢުޖިޒާތެއްގެ ގޮތުން ޖިބްރީލުގެފާނު މެދުވެރިކުރައްވައި، މުޙައްމަދުގެފާނުގެ މައްޗަށް ބާއްވައިލެއްވި ﷲ ގެ ކަލާމްފުޅެވެ.

އެހެންކަމުން "ޢުލޫމުލް ޤުރުއާން" މިލަފްޒުގެ ބަހަވީ މާނައަކީ ކީރިތި ޤުރުއާނުގެ ޢިލްމުތަކެވެ.

ޢުލޫމުލް ޤުރުއާނުގެ އިޞްޠިލާޙީ ތަޢުރީފު: ޢުލޫމުލް ޤުރުއާނަކީ ކީރިތި ޤުރުއާނާއި ގުޅުންހުރި އެންމެހައި މައުޟޫތައް ޝާމިލުވެގެންވާ ޢިލްމެވެ.

ޢުލޫމުލް ޤުރުއާނުގެ އަސާސީ މައުޟޫތައް:

* ޢުލޫމުލް ޤުރުއާނުގެ ތާރީޚާއި، ފޮތްތައް
* އަސްބާބުއް ނުޒޫލް (ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް ބާއްވައިލެއްވުނު ސަބަބުތައް)
* ކީރިތި ޤުރުއާން ބާއްވައިލެއްވުމާއި، ޖަމާކުރުމާއި، ތަރުތީބުކުރުން
* ކީރިތި ޤުރުއާން ލިޔުއްވުމާއި، ޤުރުއާނުގެ ރަސްމު
* މައްކީ ސޫރަތްތަކާއި މަދަނީ ސޫރަތްތައް
* ނާސިޚް މަންސޫޚް
* މުޙްކަމު މުތަޝާބިހު
* ކީރިތި ޤުރުއާނުގެ މުޢުޖިޒާތްތައް
* ތަފްސީރު
* ތަޖްވީދާއި ޤިރާއަތްތައް

ކީރިތި ޤުރުއާނުގެ ޢިލްމުތައް (ޢުލޫމުލް ޤުރުއާނު) އުނގެނުމުގެ ފައިދާ:

ޝައްކެތް ވެސް ނެތް ގޮތުގައި އިސްލާމީ ޝަރީޢަތުގެ އަސާސީ މަޞްދަރަކީ ކީރިތި ޤުރުއާނެވެ. އިސްލާމީ ޝަރީޢަތުގެ އެންމެހައި ޢިލްމުތައް ވަނީ މިފޮތުގައެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުން ޙުކުމްތައް އިސްޠިންބާޠު ކުރުމަށާއި (ނެރުމަށާއި)، އަދި ﷲ ތަޢާލާގެ މުރާދު ފުރިހަމައަށް ދަނެގަނެ، ކީރިތި ޤުރުއާން ތަފްސީރު ކުރުމަށާއި، ކީރިތި ޤުރުއާން ތަޖުވީދު މަގުން ކިޔެވުމަށް، އެހީތަކަށް ނުވަތަ އާލަތްތަކަށް ބޭނުންވާނެއެވެ.

އެ އާލަތަކީ ޢުލޫމުލް ޤުރުއާނެވެ. ޙަދީޘް ޝަރަޙަކުރާ މީހަކަށް އުޞޫލުލް ޙަދީޘް (މުޞްޠަލަޙުލް ޙަދީޘް) ބޭނުންވާ ފަދައިން، އަދި ފިޤްހީ ޙުކުމްތައް ނެރޭ މީހަކަށް އުޞޫލުލް ފިޤްހަށް ބޭނުންވާ ފަދައިން ކީރިތި ޤުރުއާނުން ތަފްސީރުކުރާ މީހަކަށް ޢުލޫމުލް ޤުރުއާނަށް ބޭނުންވާނެއެވެ.

ޢުލޫމުލް ޤުރުއާނުގެ އެކިއެކި ބާބުތަކުގެ ތެރެއިން ކީރިތި ޤުރުއާން ބާއްވައިލެއްވުނު ގޮތާއި، ލިޔުއްވުނު ގޮތާއި، ޖަމާކުރެވުނު ގޮތާއި، ތަރުތީބުކުރެވުނު ގޮތާއި، ކީރިތި ޤުރުއާނަށް އުންމަތުގެ ދަންނަބޭކަލުން ކޮށްފައިވާ ޚިދުމަތްތައް އެނގިގެންދާނެއެވެ. އެހެންކަމުން ޢުލޫމުލް ޤުރުއާނަކީ ކީރިތި ޤުރުއާނުގެ ޢިލްމުތަކުގެ ޚަޒާނާގެ ތަޅުދަނޑިއެވެ.

ކީރިތި ޤުރުއާނުގެ ޢިލްމުތައް (ޢުލޫމުލް ޤުރުއާނު) އުނގެނުމުގެ މުހިންމުކަން:

ކީރިތި ޤުރުއާނަކީ އިސްލާމީ ޝަރީޢަތުގެ އެންމެހައި އަސާސްތަކާއި، ޙުކުމްތަކާއި، ޝިޢާރުތަކާއި، އަގުތަކުގެ އަޞްލެވެ. ޝަރީޢަތުގެ މިއަސްލުން ޙުކުމްތައް އިސްޠިންބާޠު ކުރުމަށްޓަކައި މައްކީ ސޫރަތްތަކާއި މަދަނީ ސޫރަތްތައް އެނގުމާއި، އާޔަތްތައް ބާއްވައިލެއްވުނު ސަބަބު އެނގުމާއި، ނާސިޚް މަންސޫޚު އާޔަތްތައް އެނގުމާއި، މުތުލަޤާއި މުޤައްޔަދު އާޔަތްތައް އެނގުމާއި، ޢާންމު އާޔަތްތަކާއި ޚާއްސަ އާޔަތްތައް އެނގުމާއި، ޤިރާއަތްތައް އެނގުމަކީ މުހިންމު ކަމެކެވެ.

ހަމައެހެންމެ ޢުލޫމުލް ޤުރުއާނުގެ ތެރެއިން ކީރިތި ޤުރުއާނުގައިވާ އެކިއެކި ޢިލްމީ ޙަޤީޤަތްތަކާއި، މުޢުޖިޒާތުގެ ކަންކަން އެނގި މަޢުރިފާވުމުން ކީރިތި ޤުރުއާނަކީ ޙައްޤު ފޮތެއްކަމާއި، ﷲ ތަޢާލާގެ ކަލާމްފުޅުކަން އެނގި ޔަޤީންވެ އީމާންކަން ހަރުދަނާ ވެގެންދާނެއެވެ.

އަދި ޣައިރު މުސްލިމުންނާއި މުލްޙިދުން ކީރިތި ޤުރުއާނާއިމެދު އުފައްދާ ޝައްކުތަކާއި ޝުބުހަތަކަށް ދޭނެ ޢިލްމީ، ޢަޤްލީ (ބުއްދީގެ) ރައްދުތައް އެނގި، ﷲ ތަޢާލާގެ ފޮތުގެ ދިފާޢުގައި ތެދުވަން އެނގިގެންދާނެއެވެ.

ކީރިތި ޤުރުއާނުގައިވާ ޤަޞަޞްތަކުން (ވާހަކަތަކުން) މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވެ، ޢިބްރަތްތެރި ފިލާވަޅުތައް ލިބިގެންދާނެއެވެ. އަދި ކީރިތި ޤުރުއާނުގައިވާ ﷲ ތަޢާލާ ރުހިވޮޑިގެންވާ މަކާރިމުލް އަޚްލާޤުގެ ސިފަތަކާއި، ﷲ ތަޢާލާ ރުހިވޮޑިގެންނުވާ އަޚްލާޤީ ސިފަތައް އެނގި، އެއާ އެއްގޮތަށް ޢަމަލުކުރުމުން އިންސާނާގެ ސުލޫކު ތަހްޒީބުވެ މީސްތަކުން އިޙްތިރާމާއި ލޯބި ލިބިގެން ދާނެ އެވެ. (ނުނިމޭ)

ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.