އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން އަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިިލްމަކީ 2022 ގެ ތަމަޅަ ފިލްމު "ލަވް ޓުޑޭ" ގެ ރިމޭކެކެވެ. ފިލްމުގެ ހިންދީ ވާޝަންގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ 2022 ގައި ރިލީޒްކުރި އާމިރުގެ "ލާލު ސިންގް ޗަައްޑާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަނެވެ. ނަން އަދި އިއުލާން ނުކުރާ ފިލްމު ޕްރޮޑިއުސް ކުރަނީ "ކްއީން" އާއި "މަސާން" އަދި "އުޅުތާ ޕަންޖާބު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ފޭންޓަމް ފިލްމްސްއިންނެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "ލަވް ޓުޑޭ" އަކީ ޕްރަދީޕް ރަންގަނާތަން ލިޔެ، ޑައިރެކްޓް އަދި އޭނަ ބަތަލުގެ ރޯލު ވެސް ކުޅުނު ރޮމޭންޓިކް ކޮމެޑީއެކެވެ. ފިލްމުގެ ބަތަލާ އަކީ އިވާނާ އެވެ.
"ލަވް ޓުޑޭ" ގެ ހިންދީ ރިމޭކުން ޖުނައިދާއި ހުޝީގެ ޖޯޑު ސްކްރީނަށް ގެންނަން މަސައްކަތްކުރާ އިރު، އާމިރާއި ސްރީދޭވީ އެކީގައި ފިލްމަކަށް ގެންނަން ވެސް މަސައްކަތްތަކެއްކޮށްފައިވެ އެވެ. އެކަމަކު އެ ފުރުސަތު އާމިރު ދޫކޮށްލީ އޭނަ އާއި ސްރީދޭވީގެ ޖޯޑު ނުގުޅޭ ކަމަށް ބުނެ އެވެ. އެއީ އުމުރުގެ ފަރަގާ ހެދި އެވެ.
ހުޝީގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ. އޭނަ ދާދި ފަހުން ވަނީ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނާ އެކީ "ނާދާނިޔާން" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ.
ޖުނައިދު ތައާރަފުކުރަން ހަމަޖެހިފައި ވަނީ ޔާޝްރާޖް ފިލްމްސް މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ޕީރިއަށް ފިލްމު "މަހާރާޖާ" އިންނެވެ. އޭނަ މިދިޔަ އަހަރު ވަނީ ދެކުނުގެ ބަތަލާ ސައީ ޕައްލަވީއާ އެކީ ކުޅުނު ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ.