ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މި އަހަރުގެ ތެރޭގައި އައިފޯންގެ ވިޔަފާރި ދަށްވެފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ޔޫރަޕްގެ ގައުމުތައް ފިޔަވައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އައިފޯނަށް އޮތް ޑިމާންޑް ދުނިޔޭގެ އެހެން ހުރިހާ ހިސާބުތަކެއްގައިި 10 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް އައިފޯނަށް ބޮޑު މާކެޓަށް އޮންނަ ޗައިނާގައި މި އަހަރު ފެށުނު ފަހުން ވިޔަފާރި 8 ޕަސަަންޓް ދަށްވެފައުވެ އެވެ.
މި ކަންކަމާ ހެދި އަހަރުގެ ފުރަތަމަ ތިން މަހުގެ އާމްދަނީ ވެސް ޖުމްލަކޮށް ކުރިން ލަފާކުރި އަދަދަށް ވުރެ ބޮޑުތަނުން ދަށް ކަމަށް އެޕައިން ބުންޏެވެ.
އެގޮތުން އަހަރުގެ ފުރަތަމަ ތިން މަހުގެ އާމްދަނީ އުޅެނީ 90.8 ބިލިއަން ޑޮލަރުގަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 4 ޕަސެންޓްގެ ދަށްވުމެކެވެ.
އެޕަލް އިން ބުނި ގޮތުގައި މާކެޓްގައި އައިފޯނަށް އޮތް ޑިމާންޑް ދަށްވި ނަމަވެސް ހިއްސާގެ ބާޒާރުގައި އެ ކުންފުންޏަށް މާ ބޮޑު ގުޑުމެއް ނާރާ ކަމަށެވެ. އަދި ނިއު ޔޯކްގައި ހިއްސާގެ ވިޔަފާރި މައްޗަށް ޖެހިލާފައިވާ ކަމަށް ވެސް ބުންޏެވެ.
އެޕަލް އިން ބުނީ އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ވިޔަފާރި ރަނގަޅުވާނެކަމު އުންމީދު ބޮޑު ކަމަށެވެ. އެޕަލް އިން އެންމެ ފަހުން ނެރެފައި ވަނީ އައިފޯން 15 އެވެ. އެއީ މިދިޔަ އަހަރު އެވެ. ކުރިއަށް އޮތީ އައިފޯން 16 އެވެ. އެކަމަކު އެ ނެރޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.