Last Updated: November 30, 06:26
Saturday, November 30, 2024
މުނިފޫހިފިލުވުން

"ކިންގް" ގެ ކްރޫއާ ޝާހްރުކް ގުޅޭނީ ޖުލައިގައި

އަންނަ މަހުގެ ތެރޭގައި "ކިންގް" ގެ ޝޫޓިން ފަށާނެ ކަމަށާއި އެކަމަކު ފިލްމުގެ ކްރޫއާ ގުޅޭނީ ޖުލައި ނުވަތަ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ޝާހްރުކް ޚާން ބުނެފި އެވެ.

މި އެކްޝަން ތުރިލާ އަކީ އޭނަ އާއި ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމެކެވެ. ސުޖޯއި ގޯޝް ޑައިރެކްޓްކުރާ "ކިންގް" އަކީ ޝާކްރުކްގެ މިދިޔަ އަހަރުގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް އާއި އަމިއްލަ ފިލްމު ކުންފުނި، ރެޑް ޗިލީސް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ.

ކުރިން "ކިންގް" ގެ ޝޫޓިން ޕްލޭންކުރީ އެޕްރީލް/މެއިއަށެވެ.

ނަމަވެސް މިހާރު މިހާރު ކުރިއަށްދާ ކްރިކެޓް މުބާރާތް، އިންޑިއަން ޕްރީމިއާ ލީގް އައިޕީއެލް) ގައި ޝާހްރުކްގެ ޓީމް ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) ވާދަކުރަމުން އަންނަ އިރު، ޓިމަށް ހިތްވަރުދޭން ވަގުތު ހުސްކުރުމުގެ ގޮތުން ފިލްމުގެ ޝޫޓިން ފަސްކުރީ އެވެ.

އެ ޓީމް އެންމެ ފަހުން މުމްބާއީ އިންޑިއަންސްއާ ދެކޮޅަށް ކުޅުނު މެޗްގެ ހަވާސާގެ ތެރޭގައި މީޑިއާތަކާ ވާހަކަ ދައްކަމުން ޝާހްރުކް ބުނީ އާ ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ރެސްޓެއް ނަގާލަން ވެސް ބޭނުންވީ ކަމަށެވެ.

"އެހެންވެ ޖުލައި މަހުގެ ތެރޭގައި ނޫނީ ހަމަ ޔަގީނުން ވެސް އޮގަސްޓްގެ ތެރޭގައި އަހަރެން އާ ފިލްމުގެ މަސައްކަތް ފަށާނަން. އޭގެ މަސައްކަތް ޕްލޭންކޮށްފައި އޮތް ގޮތުން އަންނަ މަހުގެ ތެރޭގައި ފަށާނެ." މާ ބޮޑު ތަފުސީލަކަށް ނުގޮސް ޝާހްރުކް ބުންޏެވެ. "އަހަންނަށް މި ލިބުނު އިތުރު ވަގުތުގެ ސަބަބުން ކެރެކްޓާ އަށް ތައްޔާރުވާން ވެސް އިތުރު ބާރަކަށް ވާނެ."

މި އަހަރު ފެށުނީއްސުރެ "ކިންގް" ގެ ވާހަކަ މީޑިއާތަކުގައި ދެކެވެމުން އައި ނަމަވެސް ރަސްމީކޮށް އަދި ފިލްމު އިއުލާނެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ވަރަށް ވަރުގަދަ އެކްޝަން ފިލްމެއްގެ ގޮތުގައި ހަދާ މި ފިލްމުގެ ބަޖެޓަކީ 200 ކްރޯޑް ރުޕީސް (24 މިިލިއަން ޑޮލަރު) އެވެ. އަދި ފިލްމުގެ އެކްޝަން މަންޒަރުތައް ޝޫޓްކުރަން ބޭރުގެ ސްޓަންޓް ޑައިރެކްޓަރުންތަކެއް ހަރަކާތްތެރިވާ ގޮތަށް ހަމަޖެހިފައިވާ އިރު، "ކިންގް" އަކީ ގިނަ އަދަދެއްގެ ވީއެފްއެކްސް ވެސް ހިމެނޭނެ ފިލްމެކެވެ.

މިދިޔަ އަހަރު ޝާހްރުކް، 58، ގެ ތިން ފިލްމެއް ރިލީޒްވި އެވެ. އެއީ "ޕަތާން" ގެ އިތުރުން "ޖަވާން" އަދި "ޑަންކީ" އެވެ. މި ތިން ފިލްމު ވެސް ވަރަށް ކާމިޔާބެވެ. ޝާހްރުކްގެ ހަމައެކަނި އަންހެން ދަރިފުޅު ސުހާނާގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ "ދި އާޗީސް" އެވެ.

އެކީގައި ދެބައިން ފިލްމެއްގެ މަސައްކަތްކުރާ އިރު، ޝާހްރުކްގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާންގެ އަމިއްލަ ކްލޯތިން ބްރޭންޑް "ޑި'ޔަވޯލް" ގެ އިޝްތިހާރެއް ދާދި ފަހުން އޭނަ ޑައިރެކްޓްކޮށް ޝާހްރުކާއި ސުހާނާއާ އެކީ ގެނެސްދީފައިވެ އެވެ.