ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ވެބް ސީރީޒެއްގެ ގޮތުގައި ހަދަން ނިންމާފައިވާ "ސްޓޫޑެންޓް އޮފް ދި އިޔާ 3" އިން މަޝްހޫރު ޓީވީ ބަތަލާ ބަތަލާ އަންކިތާ ލޯކަންޑޭ އަށް ދިން ފުރުސަތު ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އަންކިތާ އަށް ކަރަން ހުށަހެޅީ ސީރީޒްގެ ވަރަށް މުހިއްމު، ބޮޑު ރޯލެއް ކަމަށެވެ. ނަމަވެސް އެ ހުށަހެޅުން އޭނަ ގަބޫލުނުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ.
"ޕަވިތުރަ ރިޝްތާ" ފަދަ މަގުބޫލު ސިލްސިލާތައް ކުޅުނު އަންކިތާ އަކީ 2020 ގައި ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު ބަތަލާއެކެވެ. ސުޝާންތުގެ މަރާ ގުޅިގެން، އެ މަރުގެ ޒިންމާ ބޮލީވުޑުން ނަގަން ޖެހޭނެ ކަމަށް ބުނެ ގިނަ ބަޔަކު އެންމެ ބޮޑަށް އިނގިލި ދިއްކުރި މީހުންގެ ތެރެއިން އެކަކީ ކަރަން އެވެ. ސަބަބަކީ ބައެއް މީހުން ސިފަކުރާ ގޮތުން ކަރަން އަކީ ބޮލީވުޑްގެ "ނެޕޮޓިޒަމް ބައްޕަ" އެވެ.
އޭނަ އަކީ ފިލްމީ އާއިލީތަކަށް ނިސްބަތްވާ ތަރިންނަށާއި ގާތް މީސްމީހުންނަށް ފުރުސަތު ދޭ މީހެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ކަރަންގެ ދަރުމާގެ ފިލްމެއް ސުޝާންތު ވެސް ކުޅެފައިވާކަމެވެ. އެއީ 2019 ގެ "ޑްރައިވް" އެވެ.
ސުޝާންތު އެކްޓިން އަށް ނުކުތީ އަދި އަންކިތާ އާއި އޭނަ ރައްޓެހިވީ "ޕަވިތުރަ ރިޝްތާ" ގެ މަސައްކަތުގެ ތެރޭގަ އެވެ. އަންކިތާ ވަނީ 2021 ގައި ވިކީ ޖެއިން ކިޔާ ވިޔަފާވެރިއަކާ ކައިވެނިކޮށްފަ އެވެ. އެ ދެ މީހުން ކަލާސް ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ އެންމެ ފަހުގެ ސީޒަން، ސީޒަން 17 ގައި މިދިޔަ އަހަރު ވާދަކުރި އެވެ.
"އަމްރަޕާލީ" ކިޔާ ވެބް ސީރީޒަކަށް މިދިޔަ މަހު އަންކިތާ ސޮއިކޮށްފައިވާ އިރު، އޭނަ އެންމެ ފަހުން ފެނިފައި ވަނީ އެކްޓަރު ރަންދީޕް ހޫޑާ ކުޅެ، ޑައިރެކްޓްކޮށް މާޗް މަހު ގެނެސްދިން ފިލްމު "ސްވަންތަރިއާ ވީރު ސަވަރްކަރް" އިންނެވެ. އަންކިތާ ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި "ބާގީ 3" ހިމެނެ އެވެ.
"ސްޓޫޑެންޑް އޮފް ދި އިޔާ 3" ހަދަން ނިންމާފައި ވަނީ ލީޑް ބަތަލާއަކަށް އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް ލައިގެންނެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާއާ ގުޅިގެން ހަދަން ނިންމާފައިވާ ސީރީޒްގެ ޑައިރެކްޓަރަކީ "ނޮކްޓާނަލް ބާގާ" ގެނެސްދިން ރީމާ މާޔާ އެވެ.
ކަރަން ޑައިރެކްޓްކުރި 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އަކީ ވަރޫން ދަވަނާއި އާލިއާ ބަޓްގެ އިތުރުން ސިދާތު މަލްއުތުރާ ބޮލީވުޑަށް ނެރުނު ފިލްމެވެ. މީގެ ދެވަނަ ބަޔަކީ 2019 ގައި އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ ތައާރަފުކުރި ފިލްމެވެ. ޓައިގާ ޝްރޮފް ބަތަލުގެ ރޯލު ކުޅުނު "ސްޓޫޑެންޓް އޮފް ދި އިޔާ 2" ޑައިރެކްޓްކުރީ 2010 ގެ "އައި ހޭޓް ލަވް ސްޓޯރީސް" ގެ ޑައިރެކްޓަރު ޕުނީތު މަލްއުތުރާ އެވެ.