Last Updated: January 17, 21:49
Friday, January 17, 2025
ޚަބަރު

މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުވަކީ ހިތްހަމަޖެހުމެއް

ނައިބުރައިސް ހުސައިން މުހައްމަދު ލަތީފް- ފޮޓޯ: ރައީސް އޮފީސް

މީޑިއާތައް އަމިއްލަ ފައި މައްޗަށް ތެދުވަން ލިބުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކަށް ވެގެންދާނެކަމުގައި ނައިބުރައިސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ޕީއެސްއެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ނައިބުރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ހިދުމަތުގެ އަގުވަޒަންކުރާނެ ކަމަށެވެ.

ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސް ކުރެއްވޭކަން ފާހަގަކުރައްވާ ނައިބުރައީސް ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ފައްޓަވާފައިވާކަމަށެވެ. އެގޮތުން ދައުލަތުން މީޑިއާތައް އަދި ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން އިހުސާސްވެވަޑައިގެން، ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މަސައްކަތްޕުޅުތަކެއް ފެއްޓެވިކަމަށާއި ރައީސް މުއިއްޒު ބޭނުންފުޅުވީ، އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށް ކަމުގައިވެސް ނައިބުރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މިކަމަށްޓަކައި ވަކި އުސޫލެއް ކަނޑައަޅުއްވައި، ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެކަމުގައި ނައިބުރައީސް ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާކަމަށާއި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާކަމުގައި ވިދާޅުވިއެވެ.

‎ނައިބުރައީސް ވިދާޅުވީ ނޫސްވެރިންނަކީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދައުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަމުގައެވެ.