މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް މީޑިއާގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވަން ހަދަން ނިންމާފައިވާ މީޑިއާ ވިލެޖަށް ބިމެއް ހަމަޖައްސައިފި އެވެ.
އިއްޔެ ފާހަގަކުރި މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅިވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތް ގޮތަށް މީޑިއާ ވިލެޖަށް ބިން ހަމަޖައްސާފައިވާ ކަމަށެވެ.
ބިން ހަމަޖެއްސީ ހުޅުމާލެއިންނެވެ.
ނައިބު ރައީސް ވިދާޅުވީ ނޫސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަމިއްލަ މީޑިއާތަކުގެ ހަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ހިންގުމަށް ހުރި ހުރަސްތައް ކަމަށާއި ބޮޑު އަގުގައި އޮފީސްތައް ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމަކީ ވެސް ދަތިކަމެއް ކަމަށެވެ. އެހެންވެ އެކަން ހައްލުކޮށް ދޭން ގެނައުމަށް މި ސަރުކާރުން ގާއިމްކުރާ މީޑިއާ ވިލެޖަށް ބިން ކަނޑައަޅައި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވި އެވެ.
މީޑިއާ ވިލެޖު ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކާމީޔާބީ އަށް ފަހު ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ ނޫސްވެރިންނާ އެކީ ބޭއްވި ގުންޒަރުގަ އެވެ.