އައްޑޫގެ ސަޕްލައި ފެނުގެ މައްސަލަ އަދިވެސް ހައްލު ނުވެ، ރައްޔިތުންގެ ޝަކުވާތައް އިތުރުވަމުންދާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
މިދިޔަ ރޯދަ މަހުގެ ތެރޭގައި މި މައްސަލަ ދިމާވެ އާންމުންނަށް ބޮޑެތި ދަތިތަކަކާ ވެސް ކުރިމަތިލާން ޖެހިފައިވެ އެވެ. އަދި އޭގެ ފަހުން އެތައް ދުވަހެއްވީ އިރު ސަޕްލައި ފެނަށް ދިމާވި މައްސަލަ އަށް އެކަށީގެންވާ ހައްލެއް ނާންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ނިޒާރު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ފެން ސަޕްލައިކޮށް ދިނުނުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަހާ ގާތްވެފައިވާ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ ޝަކުވާ އިތުރުވަމުންދާ އަންނަ އިރު، ހައްލު ހޯދަން އެހާ ދުވަސް ނަގަން ޖެހުމަކީ ފެނަކައިގެ ނުކުޅެދުމެއް ކަމަށް ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެންސަޕްލައި ކޮއްދިނުނުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަހާއި ގާތްވެފައިވާއިރު ، މިކަމުގައި ރައްޔިތުންގެ ޝަކުވާ ދަނީ އިތުރުވަމުން. އަދި މިކަމަށް ހައްލު ހޯދަން މިހާ ދުވަސްނަގަން ޖެހުމަކީ ނުކުޅެދުމެއް. މިތަކްލީފަށް…
— Ali Nizar (@DhekunuNizar) May 4, 2024
"މި ތަކުލީފަށް އަވަސް ހައްލެއް ހޯއްދަވައި ދެވުމަށް ފެނަކައިގެ މެނޭޖްމަންޓްއަށް ދަންނަވަން." އޭނަ ވިދާޅުވި އެވެ.
އަައްޑޫގެ ގުޅިފައިވާ އަވަށްތަކުން ސަޕްލައި ފެނުގެ ހިދުނަތް ފުރަތަމަ ކެނޑުނީ މާޗް މަހުގެ ފަހުކޮޅު އެވެ. އޭރު ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލު ފެނަކަ އިން ހައްލުކުރި ނަމަވެސް ޕްރެޝަރުގައި ފެން ނައުމާއި ދޭތެރެ ދޭތެރެ އިން ހިދުމަތް މެދުކެނޑޭކަމުގެ ޝަކުވާތައް އާންމުން އަންނަނީ ކުރަމުންނެވެ.