ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ އަނިޔާތަކަށް އިންސާފު ހޯދައިދީ އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދޭން ރާއްޖެ އިން ގޮވާލައިފި އެވެ.
އަބަދު ވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމުން އަންނަ ރާއްޖެ އިން އެކަމަށް ގޮވައިލީ ގެމްބިއާގައި އިއްޔެ ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ސަމިޓްގައި ވާހަކަ ދައްކަވަމުން ޝަހީމު ވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާ ގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވުމަށް ގޮވާލައްވައިފަ އެވެ.
އެގޮތުން ދެމެހެއްޓެނިވި ސުލްހައަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިސްލާމީ ޤައުމުތަކުގެ ފަރާތުން އެދިވަޑައިގެންނެވީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރެއްވުމަށެވެ.
އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވައި، ފަލަސްޠީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ މިއަންމާގައި ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކުގެ މައްސަލަ ފާހަގަކުރައްވައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި އެޤައުމުން ކުރަމުންދާ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ޝައުޤުވެރިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޝަހީމު ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކުރުމާއި އިސްލާ މްދީނާ ދެކޮޅަށް ހިންގަމުންދާ އެކިއެކި ހަރަކާތްތައް ހުއްޓުވުމަށްޓަކައި، އިސްލާމް ދީނުގައި ބާރުއަޅާ ސުލްޙަވެރި އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، ކެތްތެރިކަން އިސްކުރުން ފަދަ އަސްލުތަކުގެ މަޢުލޫމާތު ފެތުރުމުގެ މުހިންމުކަން ބޮޑު ކަމަށެވެ.
އޯއައިސީގެ އިސްލާމިކް ސަމިޓަކީ ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓެކެވެ. އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި އަހަރުގެ ސަމިޓް ކުރިއަށް ދާނީ މިއަދުގެ ނިިޔަލަށެވެ.
މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" އެވެ.
މިއަހަރުގެ ސަމިޓްގައި ރިޔާސަތު ބެލެހެއްޓެވި ސަޢޫދީ ޢަރަބިއްޔާ އިން ވަނީ ސަމިޓުގެ ރިޔާސަތު ބެލެހެއްޓުން ގެމްބިއާއާ ހަވާލުކޮށްފައެވެ. ސަމިޓުގައި ތިން ލިޔުމަކަށް ގޮތެއް ނިންމެވުން ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ފަލަސްޠީނާއި އަލްޤުދުސް އަޝް-ޝަރީފްގެ މައްސަލައިގެ ޤަރާރަށް ގޮތެއް ނިންމުން ހިމެނެއެވެ.
ދިވެހިރާއްޖެ އޯ.އައި.ސީ. ގެ މެންބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ. އަދި 57 މެންބަރު ޤައުމު ހިމެނޭ އޯ.އައި.ސީ. ގައި ދިވެހިރާއްޖެ ބައިވެރިވީއްސުރެ އަންނަނީ ހަރަކާތްތެރި މެންބަރެއްގެ ދައުރު އަދާކުރަމުންނެވެ.