މާލޭގެ ޓީ-ޖެޓީ ސަރަހައްދަށް ކުނި އެޅި ދިވެއްސަކު ޖޫރިމަނާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ކުނި އެޅި މީހާގެ ފޮޓޯއެއް ވެސް އާންމުކޮށްފައިވެ އެވެ. އަދި އެ ޕޯސްޓްގައި އޭނަގެ ޖޫރިމަނާގެ ސްލިޕް ވެސް ހިއްސާކޮށްފައިވެ އެވެ.
ފަހަކަށް އައިސް މާލޭގެ މަގުތަކަށާއި އެ ނޫން ވެސް ތަންތަނަށް ކުނި އެޅުމުގެ މައްސަލަތައް ވަރަށް ބޮޑެވެ. އެހެންވެ އެކަން ކުރާ މީހުން ހޯދައި ކައުންސިލުން އަންނަނީ ޖޫރިމަނާކުރަމުންނެވެ. މީގެ ދެ ދުވަހެއް ކުރިން ވަނީ މަގުތަކަށް ކުނި އަޅާ ބިދޭސީ އަކު ހޯދައި، އޭނަ ޑީޕޯޓްކުރަން ވެސް ނިންމައިފަ އެވެ.
މާލެ ގޮނޑުވުމުގެ މައްސަލަ ހައްލުކުރަން އިއްޔެ ވެސް ސިޓީ ކައުންސިލާއި ބައެއް އިދާރާތައް ގުޅިގެން އިންޑަސްޓްރިއަލް ވިލެޖާއި އެ ނޫން ވެސް ބައެއް ދިމަދިމާ ސާފުކޮށްފައިވެ އެވެ.
މޭޔަރު އާދަމް އާޒިމް ވަނީ މާލެ ގޮނޑުނުކުރަން އާންމުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.