ކޮމެޑީ ޝޯއެއްގައި ކޮމީޑިއަނަކު ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ކޮޕީކޮށް، އޭނަ އަށް ރައްދުވާ ގޮތަށް "ފުރައްސާރަކުރުމުން" ހިތްހަމަނުޖެހިގެން ނުރުން ފާޅުކޮށްފި އެވެ.
ކަރަން އަށް ޖޯކް ޖެހީ މިހާރު ސޮނީ ޓީވީން ދައްކަމުން އަންނަ "މޭޑްނެސް މަޗާއޭގޭ" ޝޯގަ އެވެ. އޭގެ އެޕިސޯޑެއްގައި ކޮމީޑިއަން ކޭތަން ސިންގް، ކަރަން ހެދުން އަޅާ ގޮތަށް ހެދުން އަޅަައިގެން އޭނަގެ ސްޓައިލްގައި "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއް ހޯސްޓްކުރާ ގޮތް ދެ މެހުމާނަކާ އެކީ ދައްކަ އެވެ.
މިކަމާ ހިތްހަމަނުޖެހިގެން އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ކަރަން ބުނީ އެ ޕްރޮމޯ އޭ އަށް ފެނުނީ މަންމައާ އެކީ ޓީވީ ބަލަން އިންދައި ކަމަށެވެ. ނަމަވެސް އެ ދެއްކި ޗެނެލާއި އޭނަ އަށް "ފުރައްސާރަކުރި" ކޮމީޑިއަންގެ ނަން ހިއްސާނުކޮށް ކަރަން ބުނީ އެ ގެނެސްދީފައި އޮތީ ވަރަށް ދެރަވަރުކޮށް ކަމަށެވެ.
"އަދި އެންމެ ދެރަވި ކަމަކީ އިންޑަސްޓްރީގެ ފަރާތުން އުންމީދު ވެސް ނުކުރާ ކަހަލަ ކަމެއް ފެނުމުން." ކަރަން ބުންޏެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒު ފަދަ މީހުންގެ ތެރޭގައި ހިމެނޭ ކަރަން ބުނީ ކާކުކަން ނޭނގޭ މީސްމީހުން ވަރަށް އާންމުކޮށް ސޯޝަލް މީޑިއާގައި އޭނަ އަށް މަލާމަތާއި ފުރައްސާރަކޮށް، ފާޑުފާޑުގެ ނަންތައް ވެސް ރައްދުކުރާ ކަމަށެވެ. އެކަމަކު އެކަމާ ކަންބޮޑުނުވާ ކަމަށް ބުންޏެވެ.
"އަހަންނަކީ މުނިފޫހި ފިލުވުމުގެ ދާއިރާގައި އުޅޭތާ ފަންސަވީހަކަށް އަހަރުވެފައިވާ މީހަކަށްވެފައި މި ދާއިރާގެ ފަރާތުން ކުޑައިމީސްކޮށްލުމާއި މަލާމާތާއި ފުރައްސާރަ ލިބުމުން ދައްކުވައި ދެނީ މިއަދުގެ ހާލަތު،" ކަރަން ބުންޏެވެ. "މިކަމާ އަސްލު ރުޅިއެއް ނާދޭ. އެކަމަކު މިކަމާ ވަރަށް ދެރަވެއްޖެ."
ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ހިންގަމުން އަންނަ ކަރަން އަކީ ކާމިޔާބު އެތައް ފިލްމެއް ވެސް ގެނެސް ދީފައިވާ މީހެކެވެ. އަދި އޭނަ ޑައިރެކްޓްކޮށް، ރީތި އެތައް ފިލްމެއް ވެސް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ހުޝީ ކަބީ ޢަމް"، "އޭ ދިލް ހެ މުޝްކިލް" އަދި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ހިމެނެ އެވެ.
ކަރަން އަކީ ޕްރޮޑިއުސަރެއް/ޑައިރެކްޓަރެއްގެ އިތުރުން ހޯސްޓެއް ވެސް މެ އެވެ.