ކަރީނާ ކަޕޫރާ އެކީ ދެވަނަ ފިލްމެއް ނުގެނެސްދެވި އޮތް ސަބަބު އޭނަގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޖަބް ވީ މެޓް" ގެ ޑައިރެކްޓަރު އިމްތިއާޒް އަލީ ކިޔައި ދީފި އެވެ.
ނިއުސް 18 އަށް ދިން އިންޓަބިއުއެއްގައި ބުނީ ވަރަށް ގިނަ ބަޔަކު 2007 ގެ "ޖަބް ވީ މެޓް" ގެ ދެވަނަ ބައެއްގެ ވާހަކަ ދައްކާ ކަމަށެވެ. އެކަމަކު އޭގެ ދެވަނަ ބައެއް މުހިއްމުވާ ސަބަބެއް އަމިއްލަ އަށް ނުވިސްނޭ ކަމަށް އިމްތިއާޒު ކަމަށެވެ. ނަމަވެސް ކަރީނާ އަކީ އޭނަ ވަރަށް ގަޔާވާ ބަތަލާއެއް ކަމަށާއި އެކީގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން އަބަދު ވެސް ބޮޑު ކަމަށެވެ.
"އެކަމަކު ވާ ގޮތަކީ އަހަރެމެން ދެ މީހުން އެކީގައި އަލުން މަސައްކަތްކުރާ ވަރުގެ ސްކްރިޕްޓަކާ ދިމާނުވަނީ." މިދިޔަ މަހު "އަމަރު ސިބްގް ޗަމްކީލާ" ގެނެސްދިން ހުނަރުވެރި ޑައިރެކްޓަރު ބުންޏެވެ.
އިމްތިއާޒް ބުނި ގޮތުގައި "ޖަބް ވީ މެޓް" އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމަކަށްވެފައި އޮތުމުން ދެން ކަރީނާއާ އެކީ ހަދަން ބޭނުން ވަނީ އެއީ ވުރެ، ރީތި، ފުރިހަމަ އަދި މަގުބޫލުވާނެ ފިލްމެއް ކަމަށެވެ.
"އެހެން ނޫނީ ހަގީގަތުގައި އަލުން އެކީގައި މަސައްކަތް ކުރުމުގެ މާނައެއް ވެސް ނެތް. ކުރިން ނުކުރެވޭ ކަހަލަ އާ ތަޖުރިބާތަކެއް، އަ ހަނދާންތަކެއް ރައްކާކުރެވޭ ކަހަލަ ފިލްމަކާ އެކީގައި ނޫނީ އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެން ދެ މީހުން އަލުން އެކީގައި ފިލްމެއްގެ މަސައްކަތް ކުރުން މުހިންމެއް ނޫން." އިމްތިއާޒް ބުންޏެވެ. "އަލުން މަސައްކަތްކުރާ އިރު، އެ ވާން ޖެހޭނެ ވަރަށް ހާއްސަ އެއްޗަކަށް. ބެލުންތެރިންނަށް ވެސް ވަރަށް ހާއްސަ އެއްޗަކަށް."
އޭނަ ބުނި ގޮތުގައި ކަރީނާއާ އެކީ އަލުން ފިލްމެއް ހަދަން ހިތްހަމަޖެހޭ ވަރުގެ ސްކްރިޕްޓެއް ލިބުނު އިރަކުން ދެ މީހުން އެކީގައި އަނެއްކާ ވެސް "ޖަބް ވީ މެޓް" އިން ގެނެސްދިން ޖާދޫ ގެނެސްދޭނެ އެވެ.
"އަހަރެން ބޭނުމެއް ނޫން ކަރީނާއާ އެކީ ހަމަ ފިލްމެއް ހެދުމުގެ ބޭނުމުގައި ފިލްމެއް ހަދާކަން." އިމްތިއާޒް ބުންޏެވެ.
ވަރަށް ތަފާތުކޮށް ލޯބީގެ ވާހަކަތައް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިމްތިއާޒް ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯންގެ "ލަވް އާޖް ކަލް"، ރަންބީރް ކަޕޫރްގެ "ރޮކްސްޓާ" އަދި އާލިއާ ބަޓްގެ "ހައިވޭ" ގެ އިތުރުން ރަންބީރާއި ދީޕިކާގެ "ތަމާޝާ" ހިމެނެ އެވެ.