މި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ މަސްވެރިކަމާ ބެހޭ ކޮލެޖް މާލޭގައި ގާއިމު ކުރަން ނިންމައިފި އެވެ.
ގައުމީ ޔުނިވަސިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މަސްވެރިކަމާ ބެހޭ ކޮލެޖު ގާއިމު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ކޮލެޖް ގާއިމު ކުރަން ނިންމާފައި ވަނީ މާލޭގައި ކަމަށް ވިދާޅުވި އެވެ.
ޝެހެނާޒް ވިދާޅުވީ ކޮލެޖުގެ ކިޔެވުން ފަށާއިރު މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނިމުގެ އިތުރުން ޔުނިވަސިޓީގައި މިހާރު ވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ވެސް ކޮލެޖްގައި ކިޔަވައި ދޭނެ ކަމަށެވެ.
މަސްވެރިކަމުގެ ދާއިރާ އިން ތައުލީމީ ޒުވާނުން ބިނާކޮށް އެ ދާއިރާ ކުރިއެރުވުމަށް މަސްވެރިކަމާ ބެހޭ ކޮލެޖެއް ގާއިމު ކުރަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގަ އެވެ.
އެގޮތުން މަސްވެރިކަމާ ބެހޭ ކޮލެޖެއް ގާއިމު ކުރަން ފިޝަރީޒް މިނިސްޓްރީ އާއި ގައުމީ ޔުނިވަސިޓީއާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ގަ އެވެ.
މިކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެފައި ވަނީ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި ކޮލެޖް ވެގެން ދާނީ މަސްވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގުތިސާދަށް މަންފާ ހޯދޭނެ ގޮތްތަކަށް ސަރުކާރުން ކުރާ މަސައްކަތަށް ކޮށޭގެ ވަރަށް ބޮޑު މަގަކަށް ކަމަށެވެ.