އިންޑިއާގައި މިހާރު ކުރިއަށްދާ ލޯކް ސަބާ އިންތިހާބުގައި މަންޑީ ދާއިރާގެ ގޮނޑި ކާމިޔާބުވެއްޖެ ނަމަ ފިލްމީ މަސައްކަތްތައް ހުއްޓައިލާނެ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.
ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި އިންތިހާބަށް ނުކުތް ބަތަލާ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑި ރައްޔިތުން އޭނަ އަށް ދީފި ނަމަ އެކަމުން ދައްކުވައި ދެނީ އޭނަ ލައްވައި ސިޔާސީ މަސައްކަތް ކުރުވައި ރައްޔިތުން ބޭނުންވާ ކަންކަން ކުރުވަން އިތުބާރާ އެކީ މަސައްކަތް ކުރާނެ މީހެއްކަން ކަން ކަމަށެވެ.
"އެހެންވެ އެގޮތަށް ރައްޔިތުން ނިންމައިފި ނަމަ ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް ސިޔާސީ މަސައްކަތް ކުރާނެ މީހަކަށް އަހަރެން ވާނީ." އަލަށް އިންތިހާބަކަށް ނުކުތް ކަންގަނާ ބުންޏެވެ.
ގޮނޑި ކާމިޔާބުވެއްޖެ ނަމަ ފިލްމީ މަސައްކަތްތަކާ ދުރުވެދާނެތޯ ސުވާލު ކުރުމުން ހަތަރު ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ބަތަލާ ބުނީ ރަނގަޅަށް ކުރެވޭނީ ކޮންމެވެސް އެއް ކަމެއް ކަމަށެވެ.
"އަހަންނަކީ ހަމަ ޔަގީނުން ވެސް ފިލްމީ މަސައްކަތުގައި ވަރަށް މޮޅު މީހެއް. ބަތަލާއެއްގެ އިތުރުން އަހަންނަކީ މިހާރު ޑައިިރެކްޓަރެއް ވެސް މެ،" ކަންގަނާ ބުންޏެވެ. "އެކަމަކު މި ފަހަރު ރައްޔިތުން އަހަންނާ ސިޔާސީ މަސައްކަތެއް ކުރަން ހަވާލުކޮށްފި ނަމަ އެކަމަށް ހުސްވާނަން. ކޮންމެވެސް އެއް ކަމެއް ރަނގަޅަށް ކުރެވޭނީ. ގޮނޑި ދީފި ނަމަ އޭގެ މާނަ އަކީ ސިޔާސީ ގޮތުން ރަނގަޅު މަސައްކަތްތަކެއް ކުރާނެ އަދި އިތުބާރު ކުރެވޭ މީހަކޭ އަހަންނަކީ."
އޭނަ ބުނި ގޮތުގައި އިންތިހާބުގައި ވާދަކުރަން ނިންމުމުން ފިލްމީ ދާއިރާގައި އޭނަގެ ގާތް މީހުން އެގޮތަށް ނުނިންމަން އެދުނެވެ. ނަމަވެސް ސިޔާސީ ދާއިރާ އަކީ ރައްޔިތުންނަށް ސީދާކޮށް ހިދުމަތް ކުރަން ލިބޭ ފުރުސަތަކަށްވާތީ އެ ފުރުސަތު ނަގައިލަން ބޭނުން ނުވީ ކަމަށް ބުންޏެވެ.
ކަންގަނާ އިންތިހާބުގައި ވާދަކުރަން ނިންމީ ބީޖޭޕީން ދިން ދައުވަތަކަށެވެ. އޭނަ އަކީ އެ ޕާޓީ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ.
ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ އޭނަ ޑައިރެކްޓްކޮށް، ކުޅެ އަންނަ މަހުގެ 14 އަށް ތާވަލުކޮށްފައި އޮތް "އިމަޖެންސީ" އެވެ. އޭގައި ކަންގަނާ ކުޅެފައި ވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ. "އިމަޖެންސީ" ބިނާކޮށްފައި އޮތީ އިންދިރާގެ ވެރިކަމުގެ ފަހު ދައުރުގައި އިއުލާންކޮށް، ހޫނު މައްސަލަގަނޑަކަށްވި ކުއްލި ހާލަތަށެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ އިންތިހާބު ފެށީ މިދިޔަ މަހުގެ 19 ގަ އެވެ. މި އިންތިހާބު އަންނަ މަހުގެ 1 އާ ހަމައަށް ކުރިއަށް ދާނެ އެވެ.