ނިމުނު ދިރާސީ އަހަރުގެ ތެރޭގައި ސްކޫލްތަކުގެ ގްރޭޑް 10 ގެ ދަރިވަރުން ތެލަސީމިއާ އަށް ސްކްރީން ކުރަން ފެށި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށާއި އޭގެ ދަށުން މިހާތަނަށް މާލޭގެ ހަ ސްކޫލެއްގެ 700 އަށް ވުރެ ގިނަ ދަރިވަރުން ސްކްރީންކޮށްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް އިން ބުނެފި އެވެ.
މިއަދު ބައިނަލްއަގުވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރަމުން އަންނަ އިރު، އެ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ ގްރޭޑް 10 ދަރިވަރުން ތެލަސީމިއާ އަށް ސްކްރީން ކުރަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްގެ މަތިން ކަމަށެވެ. އެގޮތުން ފެށި ޕްރޮގްރާމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މި ޕްރޮގްރާމް ފެށީ މާލޭގައި ކަމަށް ވެސް ގްރޭޑް 10 ގެ ދަރިވަރުން ތެލަސީމީ އަށް ސްކްރީން ކުރަން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
"މި އަހަރުގެ މޮކް އެގްޒާމާއި އޯ ލެވެލް އިންތިހާނު ފެށުމާ ގުޅިގެން މިހާރު މި ޕްރޮގްރާމް އޮތީ މަޑުޖައްސާލާފައި. ނަމަވެސް މި މަހުގެ ތެރޭގައި ދިރާސީ އާ އަހަރު ފެށުމާ އެކީ އަނެއްކާ ވެސް ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ސްކްރީން ކުރަން ފަށާނަން." އޮފިޝަލް ވިދާޅުވި އެވެ. "އެގޮތުން މިކަން މާލޭގެ އިތުރުން އަތޮޅުތެރެ އަށް ވެސް ފުޅާވެގެން ދާނެ."
މޯލްޑިވިއަން ބްލަޑް ސާވިސް އިން ބުނީ ގްރޭޑް 10 ގައި ކިޔަވާ ފުރާވަރުގެ ދަރިވަރުން ތެލަސީމިއާ އަށް ސްކްރީން ކުރުމުގެ އިތުރުން ބައްޔާ ގުޅޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ވެސް ފޯރުކޮށްދޭ ކަމަށެވެ.
"ފުރާވަރުގެ ކުދިންނަށް އިސްކަން ދީގެން މިކަން ކުރަނީ އެ ކުދިންނަކީ ސްކޫލް ނިންމާފައި އަމިއްލަ ދިރިއުޅުމެއް ވެސް ފަށާނެ ކުދިންނަށްވާތީ ކައިވެނީގެ ކުރިން ތެލަސީމިއާ އަށް ހޭލުންތެރި ކުރުވުމުގެ ގޮތުން." އޮފިޝަލް ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ ތެލަސީމިއާ ޓެސްޓްކުރަން ހަދާ ޑީއެންއޭ ޓެސްޓް ވެސް އާސަންދަ މެދުވެރިކޮށް ޝީ އިން ހިލޭ ހެދޭގެ މަގު ވެސް ފަހިކޮށް ދީފަ އެވެ.
ތެލަސީމިއާ އަކީ ރާއްޖޭގައި އާންމު ބައްޔެކެވެ.