Last Updated: November 29, 20:04
Saturday, November 30, 2024
މުނިފޫހިފިލުވުން

ކައިވެނި ވަރަށް އުފާވެރި: ސޯނަމް

އާނަންދު އަހޫޖާއާ ކައިވެނި ކުރުމަކީ ހަޔާތުގައި ނެގި އެންމެ ރަނގަޅު ނިންމުން ކަމަށާއި އެހެންވެ ކައިވެނި ވެސް ވަރަށް އުފާވެރި ކަމަށް ބަތަލާ ސޯނަމް ކަޕޫރް ބުނެފި އެވެ.

ކައިވެންޏަށް އިއްޔެ ހަ އަހަރުވުމާ ގުޅިގެން ފިރިމީހާ އަށް ތަހުނިޔާ އަށް ކިޔައި ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި މަޝްހޫރު ފިލްމީ ތަރި، އަނިލް ކަޕޫރްގެ ދޮށީ ދަރިފުޅު ބުނީ އޭނަގެ ހުރިހާ ވެސް އުފަލަކީ މިހާރު ފިރިމީހާ ކަމަށެވެ.

"އަހަރެމެން ދިރިއުޅުން ވަރަށް އުފާވެރި،" ސޯނަމް ބުންޏެވެ. "ބަޔާންކޮށްދެވޭ ވަރަށް ވުރެ މާ ބޮޑަށް ވެސް އާނަންދު ދެކެ ލޯބިވޭ."

ސޯނަމް، 38، އާއި އާނަންދު، 38، ކައިވެނިކުރީ 2018 ގަ އެވެ. ނިއު ދިއްލީ އަށް ނިސްބަތްވާ އާނަންދަކީ އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ ވިޔަފާވެރިއެކެވެ. ކައިވެނީގެ ފަހުން ފިލްމީ މަސައްކަތް ދޫކޮށްލައި ސޯނަމް މިހާރު ދިރިއުޅެނީ ލަންޑަންގަ އެވެ.

ކައިވެންޏަށް މިހާރު ދަރިއަކު ވެސް އޮތް އިރު ދަރިފުޅަށް މިހާރު ދެ އަހަރެވެ.

ސޯނަމްގެ އެންމެ ފަހުގެ ފިލްމަކީ އިނގިރޭސިވިލާތުގައި ދިރިއުޅެމުން 2021 ގައި ކުޅުނު "ބްލައިންޑް" އެވެ. އެ ފިލްމު ޖިއޯ ސިނަމާ އިން ޕްރީމިއާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.