ޑާކް ރެއިން އެންޓަޓައިިންމަންޓުން ދެން އެންމެ އަވަހަށް ސިނަމާ އަށް ގެންނާނެ ފިލްމަކީ އެ ސްޓޫޑިއޯގެ ފުރަތަމަ ހޮރޯ-ކޮމެޑީ "ބިބީ" ކަމަށް ބުނެފިި އެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މިއަދު ބުނީ އެ ފިލްމުގެ ޝޫޓިން މިހާރު އޮތީ އެއްކޮށްހެން ނިމިފައި ކަމަށެވެ.
"ޔަގީނުން ވެސް މިއަދު ފިލްމުގެ ޝޫޓިން އެއްކޮށް ނިމުމަކަށް އަންނާނެ." އާއިލީ ކަމެއްގައި އިންޑިއާގައި ހުރި ޕްރޮޑިއުސަރު ބުންޏެވެ.
"ބިބީ" އަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ޝަރަފު އަބްދުﷲ ގެ އަންހެނުން ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. ޝަރަފަކީ ޑާކް ރެއިނުން މިދިޔަ މާޗްގައި އޮލިމްޕަހުގައި އެޅުވި ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" ގަ ވެސް ބަތަލެވެ. "ބިބީ" ގެ ކާސްޓްގައި އޭނަގެ އިތުރުން މަރިޔަމް މަޖުދާ މަޖޫ)، ޝީލާ ނަޖީބު، އަބްދުﷲ ޝާފިއު (ފުބޫ) އަދި އަހުމަދު އީސަ (އާނަންދު) ފަދަ ތަރިން ހިމެނެ އެވެ.
މޮގާ ބުނީ ދެން އެންމެ އަވަހަށް ގެނެސްދޭނީ "ބިބީ" ކަމަށް ވިޔަސް ފިލްމު އަޅުވާނެ ވަކި ތާރީހެއް އަދި ނުނިންމާ ކަމަށެވެ. އެކަމަކު ވަރަށް އަވަހަށް ފިލްމުގެ ފަސްޓްލުކް ޕޯސްޓަރުތަކެއް އާންމުކޮށް، ފިލްމާ ބެހޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުންޏެވެ.
މިހާރު އޮލިމްޕަހުގައި އޮތީ މިދިޔަ މަހުގެ 11 ގައި ޕްރީމިއާކުރި އިޓާނަލް ޕިކްޗާސްގެ "ލަސްވިޔަސް" އެވެ. މިއީ މި އަހަރު އެޅުވި ފަސް ވަނަ ފިލްމެވެ.