ފެނަކަ އަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ވަކިވަކިން ކުރި އިއުލާންތަކުގައި ހޯދަން އިއުލާންކޮށްފައި ވަނީ ޖުމްލަ 19 ވެހިކަލެކެވެ. އޭގެ ތެރޭގައި ޕިކަޕާއި ބައުޒަރާއި ވޯޓާ ސަކްޝަން އެންޑް ޖެޓިން ޓްރަކުތައް ވެސް ހިމެނެ އެވެ.
ފެނަކަ އަށް ހޯދާ ވެހިކަލްތަކަކީ:
* 1.5 ޓަނުގެ ފަސް ޕިކަޕު
* 5،000 ލީޓަރުގެ ދެ ބައުޒަރު
* 10،000 ލީޓަރުގެ ދެ ބައުޒަރު
* 20،000 ލީޓަރުގެ ބައުޒަރެއް
* ބޮޑު ސައިޒުގެ ހަ ވޯޓާ ޖެޓިން ޓްރަކު
* ކުދި ސައިޒުގެ ތިން ވޯޓާ ޖެޓިން ޓްރަކު
މި އެއްޗެހީގެ އިތުރުން ސަޕްލައި ދޯންޏަކާއި ލޭންޑިން ކްރާފްޓެއް ވެސް ހޯދަން ވެސް ފެނަކަ އިން އިއުލާންކޮށްފައިވެ އެވެ.
އަތޮޅު ތެރޭގެ ވަރަށް ގިނަ ގިނަ ރަރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ކުންފުނިން ބުނީ ގިނަ ވެހިކަލް ހޯދަނީ މިހާރު ކުއްޔަށް ނަގައިގެން ބައެއް ވެހިކަލްތައް ބޭނުން ކުރަން ޖެހޭތީ ކުންފުނީގެ އަމިއްލަ ވެހިކަލްތައް ބޭނުން ކުރުމުގެ ގޮތުންނާއި ހަލާކުވެފައި ހުރި ބައެއް ވެހިކަލްތައް އާ ކުރަން ކަމަށެވެ.
ފެނަކަ އިން ބުނީ ގިނަ އަދަދެއްގެ ވެހިކަލްތައް ކުއްޔަށް ނަގައިގެން މަސައްކަތް ކުރަން ޖެހޭތީ އެކަމުގެ ހަރަދު ވެސް ބޮޑު ކަމަށެވެ.