މިދިޔަ އަހަރު "މިސް ޔޫއެސްއޭ" ގެ ޓައިޓްލް ހާސިލުކުރި ރީތީގެ ރާނީ ނޮއެލިއާ ވޮއިޓް ޓައިޓްލް ދޫކޮށްލައިފި އެވެ.
އިންސްޓަގްރާމްގައި އޭނަ އާންމުކުރި ޕޯސްޓެއްގަައި ބުނީ ޓައިޓްލްއާ އެކީ ހަވާލުވި ޒިންމާތައް ދޫކޮށްލަން ނިންމީ މެންޓަލް ހެލްތުގެ މައްސަލަތަކާ ހެދި ކަމަށެވެ. އެހެންވެ މި ވަގުތު އަމިއްލަ ސިއްހަތަށްޓަކަައި ވަގުތު ހުސްކުރަން ޖެހިފައިވާ ކަމަށާއި ސިއްހަތަކީ ގުރުބާން ކުރެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.
ވޮއިޓް، 24، ބުނީ "މިސް ޔޫއެސްއޭ" ޓައިޓްލް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އޭގެ ސަބަބުން އޭނަ އަށް އެތަކެއް ފުރުސަތުތަކެއް ފަހިވެ، އެތައް ބަޔަކާ ގުޅުން ބަދަހިވާން މަގުފަހިކޮށް ދިން ކަމަށް ބުންޏެވެ. އެހެންވެ އަބަދު ވެސް މިސް ޔޫއެސްއޭ އޮގަނައިޝަނަށް ޝުކުރު އަދާކުރާނެ ކަމަށް ބުންޏެވެ.
ވެނެޒުއެލާ ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ވޮއިޓަށް "މިސް ޔޫއެސްއޭ" ގެ ޓައިޓްލް ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 29 ގައި ބޭއްވި މުބާރާތުގަ އެވެ.
ސިއްހީ މައްސަލަތަކަކާ ހެދި ވޮއިޓް ޓައިޓްލް ދޫކޮށްލުމާ ގުޅިގެން މިސް ޔޫއެސްއޭ އޮގަނައިޒޭޝަނުން ބުނީ އެ ނިންމުމަށް އިހުތިރާމުކުރާ ކަމަށެވެ. އަދި "މިސް ޔޫއެސްއޭ 2023" ދެވަނައާ ޓައިޓްލް ވަރަށް އަވަހަށް ހަވާލުކޮށް އެކަން އިއުލާން ކުރާނެ ކަމަށެވެ.
މުބާރާތުގެ ދެވަނަ ހޯދީ ސަވާނާ ގަންކީވިޒެވެ.