ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު ފުރާވަޑައިގެންފި އެވެ.
މިނިސްޓަރުގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާ ޒަމީރު ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ތަފާތު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
ފޮރިން މިނިސްޓަރު އަންނަ ހުކުރު ދުވަހާ ހަމައަށް އިންޑިއާ އަށް ކުރައްވާ ދަތުރަށް ފުރާވަޑައިގެންނެވި އިރު، އެ ތާރީހަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް ރާއްޖެ އިން ފޮނުވައިލަން އޮތް ދުވަހެވެ. ސަރުކާރުން ބުނެފައި ވަނީ މެއި 10 ފެ ފަހުން އިންޑިއާގެ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ.
ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ވެރިކަމަށް ވަޑައިގަތް ފަހުން އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ޗައިނާ އެވެ. އެ މަނިކުފާނު ވަނީ ޗައިނާ އަށް ރަސްމީ ދަތުރެއް ވެސް ކުރައްވައިފަ އެވެ.
ޒަމީރުގެ އިންޑިއާގެ މި ދަތުރަކީ މި ސަރުކާރު އައި ފަހުން ރާއްޖޭގެ އިސް ވެރިޔަކު ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ.