މިއީ ތެލެސީމިއާ ބަލީގެ މީހުންނަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ފަސް އަހަރު ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން ހަލީލު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ޒައާމަތް ވެގެންދާނީ އިންގިލާބީ ބަދަލުތަކެއް ތެލެސީމިއާ ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް ގެނުވާނެ ފަސް އަހަރު ކަމަށާއި އެ މަސައްކަތުގައި 24 ގަޑިއިރު ތިބޭނީ ހޭލާ ކަމަށެވެ.
ރާއްޖޭގައި ތެލެސީމިއާގެ ބަލީގެ ހުރިހާ ފަރުވާއެއް ލިބޭނެ ހޮސްޕިޓަލެއް ހުރުމަކީ ރައީސް މުއިއްޒުގެ ވަރަށް ވަރުގަދަ ތަސައްވުރެއް ކަމަށާއި އެ ހޮސްޕިޓަލް ވެގެންދާނީ މި ސަރަހައްދުގައި ވެސް ގާއިމުކުރެވޭ އެއް ހޮސްޕިޓަލަށް ކަމަށް ހަލީލު ވިދާޅުވި އެވެ. އެ ހޮސްޕިޓަލާ އެކު ރާއްޖޭގައި ތިބެގެން ބޯންމެރޯ ހެދޭނެ އިންތިޒާމާއި، ފަހުގެ ސައިންސްގެ ޒަރިއްޔާ އިން މި ބަލި ކޮންޓްރޯލް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރަން ބޭނުންވާ އާލާތްތައް ގާއިމުކުރުމުގެ އިތުރުން ފަހު ލެބުތައް ވެސް ގާއިމު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިހާރަށް ވުރެ ރަނގަޅަށް ހިދުމަތް ދެވޭނެ ބްލަޑް ބޭންކެއް ވެސް ތެލެސީމިއާ ހޮސްޕިޓަލުގައި ގާއިމުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމާއި ތެލަސީމީއާ އާއި ގުޅުންހުރި ޑީއެންއޭ ޓެސްޓާއި އެމްއާރްއައި ޓީ2 ސްޓަރ ޓެސްޓް އާސަންދަ މެދުވެރިކޮށް ހެއްދޭނެ އިންޒާތު ހަމަޖައްސާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
އަދި ސަރުކާރުގެ ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރަން މަގުފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ރާއްޖެ އިން ބޭރަށް ފޮނުވި ފަސް ކުދިންގެ ތެރެއިން ދެ ކުދިން ބޯންމެރޯގެ ފަރުވާ މިހާރު ފުރިހަމަކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މިއަހަރުތެރޭ ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދުމަށް އިތުރު 10 ކުއްޖަކު ރާއްޖެ އިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.