Last Updated: November 26, 09:26
Tuesday, November 26, 2024
ޚަބަރު

އައްޑޫ އާ ޕަވަ ޕްލާންޓްގެ މަސައްކަތަށް ތައްޔާރު ވަނީ

އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން އަލަށް ގާއިމުކުރަން ނިންމާފައިވާ ޕަވަ ޕްލާންޓްގެ މަސައްކަތް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް 32 މެގަވޮޓުގެ ޕަވަ ޕްލާންޓެއް ގާއިމުކުރަން ޗައިނާގެ ޗައިނާގެ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކުރީ މިދިޔަ މަހުގެ 18 ގަ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ޕީއެސްއެމްގައި ފެނަކަގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ ރޭ ވިދާޅުވީ އާ ޕަވަ ޕްލާންޓް އެޅުމަށްޓަކައި ސައިޓް ތައްޔާރުކޮށް ކުންފުންޏާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އާ އިންޖީނުގެ އަޅަން ހަމަޖެހިފައި ވަނީ މިހާރު ހުރި އިންޖީނުގެއާ އިންވެގެން އޮތް ބިމެއްގަ އެވެ. ފެނަކަ އިން ބުނީ ޕްރޮޖެކްޓަށް ފައިސާ ހަމަޖެހުމުން ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އިންޖީނުގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ. ޒުހުރީ

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މުޅިން އާ ޕަވަ ޕްލާންޓެއް އަޅައި މިހާރަށް ވުރެ ރަނގަޅަށް އައްޑޫގެ ކަރަންޓްގެ ހިދުމަތް ބައްޓަން ކުރަން." ޒުހުރީ ވިދާޅުވިއެވެ.

އައްޑޫގެ އާބާދީގެ ބޮޑު ބައި ދިރިއުޅެމުން އަންނަ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން މިހާރު ބޭނުން ކުރާ މަރުކަޒީ އިންޖީނުގެއަކީ ގެ 24 އަހަރު ކުރިން ހަދާފައިވާ ތަނެވެ. އޭރު އެތަން ހެދީ 1.5 މެގަވޮޓްގެ ކެޕޭސިޓީއާ އެކީގަ އެވެ.

ނަމަވެސް މިހާރު ޕީކް ލޯޑްގައި 12 މެގަވޮޓުގެ ކަރަންޓު ބޭނުންކުރާއިރު އިންޖީނުގޭގެ ކެޕޭސީޓީ ހުރީ އެކަށީގެންވާ ވަރަށް އިތުރު ނުކުރެވި އެވެ. މީގެ ސަބަބުން ލޯޑް ބޮޑުވެގެން ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑެވެ.

ނަމަވެސް އަލަށް ގާއިމުކުރާ މި ޕަވަ ޕްލާންޓާ އެކީ ކުރިއަށް އޮތް 20-25 އަހަރު އައްޑު އަށް ދައްޗެއް ނެތި ކަރަންޓް ފޯރުކޮށް ދެވޭނެ ކަމަށް ފެނަކަ އިން ބުނެ އެވެ. އެގޮތުން އާ މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުއި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓެވެ.

މީގެ އިތުރުން ވަކިން އޮންނަ ހުޅުދު އާއި މީދޫ ވެސް ހިމެނޭ ގޮތަށް ޖުމްލަ 50 މެގަވޮޓްއަށް ކެޕޭސިޓީ އަޕްގްރޭޑް ކުރާނެ އެވެ. އެއީ އައްޑޫގައި އަޅަން ނިންމާފައިވާ ބްރިޖް މަޝްރޫއުއާ ވެސް ގުޅޭ ގޮތަށެވެ.

ގުޅިފައިވާ އަވަށްތަކުގެ ޕަވަ ޕްލާންޓް މަޝްރޫއު ދޮޅު އަހަރުގެ ތެރޭގައި ނިންމާނެ އެވެ.