Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

"މަގޭ ސޯލާ" ޕްރޮގްރާމަށް ތަކެތި ގަންނަން ސޮއިކޮށްފި

"މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރަން ހަމަޖެހިފައިވާ ތިން މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުން އެނަޖީ މިނިސްޓްރީން ހެދީ ޖަޕާންގެ ޖޭވީ ވިޒްޑަމް ނެގޯއާ އެކީގަ އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޠާރިޤް އިބްރާހިމެވެ. އަދި ޖޭވީ ވިޒްޑަމް ނެގޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ވަންގް ޓާއޯ އެވެ.

"މަގޭ ސޯލާ" ޕްރޮގްރާމަކީ އާންމު މީސްމީހުންގެ ގޭގެ ފުރާޅުތަކުގައި ސޯލާ ޕެނެލް ހަރުކޮށްދޭން މި ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގައި އިފުތިތާހުކުރި ޕްރޮގްރާމެކެވެ. ޕްރޮގްރާމްގެ ބޭނުމަކީ ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމެވެ. ކަމަށެވެ.

"މަގޭ ސޯލާ" ޕްރޮގްރާމް ކުރިއަށް ގެންދަން ރާވާފައި ވަނީ ސަރުކާރާއި ޔުޓިލިޓީ ކުންފުނިތަކާއި ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެންނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ސޯލާ ޕީވީން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ ގޭބިސީތަކަށެވެ. މި ފިޔަވަހީގައި ޖުމްލަ ތިން މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށް ދޭން އޮތީ ކަނޑައަޅައިފަ އެވެ.