(މެއި 3 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ކީރިތި ޤުރުއާނުގައިވާ ޤަޞަޞްތަކުން (ވާހަކަތަކުން) މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވެ، ޢިބްރަތްތެރި ފިލާވަޅުތައް ލިބިގެންދާނެއެވެ. އަދި ކީރިތި ޤުރުއާނުގައިވާ ﷲ ތަޢާލާ ރުހިވޮޑިގެންވާ މަކާރިމުލް އަޚްލާޤުގެ ސިފަތަކާއި، ﷲ ތަޢާލާ ރުހިވޮޑިގެންނުވާ އަޚްލާޤީ ސިފަތައް އެނގި، އެއާ އެއްގޮތަށް ޢަމަލުކުރުމުން އިންސާނާގެ ސުލޫކު ތަހްޒީބުވެ މީސްތަކުން އިޙްތިރާމާއި ލޯބި ލިބިގެން ދާނެ އެވެ.
ﷲ ތަޢާލާގެ ފަޟްލުވަންތަކަމުން އިންސާނުން މި ދުނިޔެމަތީގައި ލެއްވުމަށްފަހު އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ރަސޫލުންނާއި ނަބިއްޔުން ފޮނުއްވެވިއެވެ. އަދި ފޮތްތައް ބާއްވައިލެއްވެވިއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{رُسُلًا مُبَشِّرِينَ وَمُنْذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ} سورة النساء 165
މާނައީ: "އުފާވެރިކަމުގެ ޚަބަރު ދެއްވާ، އަދި އިންޛާރު ކުރައްވާ ރަސޫލު ބޭކަލުންތަކެއް ފޮނުއްވީމެވެ. އެއީ) ރަސޫލުން ފޮނުއްވުމަށްފަހު، اللَّه ގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށްޓަކައެވެ. ޢަޒީޒުވަންތަ ޙަކީމުވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ".
މިގޮތުގެ މަތިން އެކިއެކި ޤައުމުތަކާއި އުންމަތްތަކަށް ﷲ ތަޢާލާ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވެވިއެވެ. އެބޭކަލުންގެ މައްޗަށް ފޮތްތަކާއި ޞުޙުފުތައް ބާއްވައިލެއްވެވިއެވެ. އަދި ނަބީކަމާއި ރަސޫލުކަން ޚަތިމުކުރައްވާނެ ބޭކަލެއްގެ ގޮތުގައި މުޙައްމަދުގެފާނު މުޅި ޢާލަމަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވެވިއެވެ. އިންސީންނާއި ޖިންނީންވެސް އެކަލޭގެފާނުގެ ރިސާލަތުގައި ޝާމިލުވާގޮތަށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް އެންމެ މާތްވެގެންވާ ފޮތް ﷲ ތަޢާލާ ބާއްވައިލެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ} سورة الأحزاب: 40
މާނައީ: "ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެތެވެ. އެހެނެއްކަމަކު، އެކަލޭގެފާނީ) اللَّه ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމު ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ".
{قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا} سورة الأعراف: 158
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި ރަސޫލާއެވެ".
{تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا} سورة الفرقان: 1
މާނައީ: "ޢާލަމްތަކަށް އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް ޤުރުއާން ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ."
ﷲ ތަޢާލާ ކީރިތި ޤުރުއާން ބާއްވައިލެއްވީ ޢަރަބި ބަހުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ} سورة يوسف 2
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީ، ޢަރަބި ބަހުންއޮތް ޤުރުއާނެއްް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ".
ކީރިތި ޤުރުއާން ﷲ ތަޢާލާ ބާއްވައިލެއްވީ ހުރިހާކަމެއް ބަޔާންކޮށްދޭ ފޮތެއްގެ ގޮތުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ﴾ سورة النحل 89
\މާނައީ: "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގައެވެ."
ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ އެކިއެކި ކަންކަމާއި އެކިއެކި މައުޟޫތަކާއި ގުޅިގެން ކީރިތި ޤުރުއާނަށް އެކިއެކި ނަންދެވިގެންވެ އެވެ. އަދި އެކިއެކި ސިފަތަކުން ސިފަކުރެވިފައިވެއެވެ. (ނުނިމޭ)
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.