Last Updated: January 10, 14:07
Friday, January 10, 2025
ދުނިޔެ

ނަތަންޔާހޫ ހައްޔަރު ކުރަން އަމުރެއް ނެރެން ގޮވާލައިފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރެއް ނެރެން ކޮލަމްބިއާގެ ގުސްޓާވޯ ޕެޓްރޯ ގޮވާލައްވައިފި އެވެ.

ޕެޓްރޯ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ނަތަންޔާހޫ ނުހުއްޓާނެ ކަމަށާއި އޭނާ ހައްޔަރު ކުރަން އައިސީސީ އިން ކޯޓު އަމުރެއް ނެރެންޖެހޭ ކަމަށެވެ. އަދި އ.ދ ގެ ސެކިއުރިޓީ ކައުންސިލުން ގާޒާގައި ޕީސް ކީޕިން ފޯސްއެއް ގާއިމުކުރަން މަސައްކަތް ފަށަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ނަތަންޔާހޫ ހައްޔަރުކުރަން އަމުރެއް ނެރެން ޕެޓްރޯ ގޮވާލާފައިވާއިރު، ގާޒާގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ކޮލަމްބިއާ ސަރުކާރުން އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން މިހާރު ވަނީ ކަނޑާލާފަ އެވެ.

ކޮލަމްބިއާ އިން އިޒްރޭލާ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 1950 ވަނަ އަހަރު އެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ބޮލީވިއާ އިން ވަނީ ހަނގުރާމައިގެ ސަބަބުން އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ކަނޑާލާފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 34،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

އިޒްރޭލުން ދަނީ ބައިނަލްއަގުމާވީ ދުނިޔެއިން ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށް ދޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ހުރަސް އަޅަމުންނެވެ. މީގެ ސަބަބުން ކާނާ އާއި ފެނާއި ބޭސް ފަދަ ތަކެއްޗާ އެކީ ފަލަސްތީނަށް ނުވަދެވި، އެހީގެ އެތައް ގާފިލާއެއް އެބަތިއްބެވެ.