ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމު ރޫޅާލުމަށް ދޮގު ޚަބަރުތައް ފަތުރަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން ދިޔަ ކަމަށެވެ.
އެހެންނަމަވެސް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ދިވެހީންނުކުމެ ސާބިތުކޮށްދީފައިވާކަން އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ދޮގު ޚަބަރުތައް ފަތުރަމުންދާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެކަފަދަ ކަންކަމުން އެ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީހަތްވުން ނޫން އިތުރުކަމެއް ހާސިލުނުވާނެ ކަމަށެވެ.
"ރައީސް ޑރ. މުއިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް. ދިވެހީންދާނީ މުއިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް." އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް…
— Abdul Raheem Abdulla (@Banafsaa) May 11, 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ގެންދިޔައެވެ. އެގޮތުން އިދިކޮޅު އެމްޑީޕީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔައެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވެރިކަންކުރާ ޕާޓީ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ.