މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ޕްރިޔަންކާ ޗޯޕްޅާގެ ހޮލީވުޑްގެ ފިލްމު "ހެޑްސް އޮފް ސްޓޭޓް" ގެ ޝޫޓިން ނިންމާލައިފި އެވެ.
މި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް އޭނަ ބުނީ ފިލްމުގެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް މަޖާކޮށް އަދި އެހާމެ ޕްރޮފެޝަނަލްކޮށް ކަމަށެވެ. އަދި "ހެޑްސް އޮފް ސްޓޭޓް" ގެ މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ފިލްމުގައި މަސައްކަތްކުރި ކޮންމެ މީހަކު ކޮންމެ މަސައްކަތް ކުރީ އެ މީހަކު ކުރަން ޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.
ޕްރިޔަންކާ ފާހަގަކުރި ގޮތުގައި މި ފިލްމަކީ އޭނަ އަށް ހޮލީވުޑްގެ ލެޖެންޑުންތަކަކާ އެކީ މަސައްކަތް ކުރަން ވެސް ލިބުނު ފުރުސަތެކެވެ. އެކްޝަން ކޮމެޑީ "ހެޑްސް އޮފް ސްޓޭޓް" ގެ ކާސްޓްގައި މަޝްހޫރު ތަރިން ކަމަށްވާ އިޑްރިސް އެލްބާ އާއި ޖޯން ސީނާ ހިމެނެ އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ހަދާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ "ނޯބަޑީ" އާއި "ހާޑްކޯ ހެންރީ" ގެނެސްދިން އިލިއާ ނައިޝްލާ އެވެ.
"އުންމީދު ކުރަން މި ފިލްމުގެ މަސައްކަތުގެ ތެރޭގައި އަހަރެމެން ނެގި ފޯރި ބެލުންތެރިން ވެސް މި ފިލްމު ބަލާ އިރު ނަގާނެ ކަމަށް." ޕްރިޔަންކާ ބުންޏެވެ.
ބޮލީވުޑަށް ދޫކޮށް ހޮލީވުޑަށް ހިޖުރަކޮށްފައިވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ރޮމޭންޓިކް ކޮމެޑީ-ޑްރާމާ "ލަވް އެގެއިން" އެވެ. އޭނަގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.